ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޚިދުމަތް މާދަމާ ޢާންމުންނަށް ހުޅުވާލަން ނިންމައިފި އެވެ.

އެ ބޭންކުން ބުނީ މާދަމާ އިން ފެށިގެން ބީއެމްއެލްގެ ބްރާންޗުތަކާއި ސަރވިސް ސެންޓަރުތައް ހުޅުވަން ނިންމީ ކޮވިޑުގެ ކޭސްތައް ދަށަށް ދިއުމާ ގުޅިގެން ސަރުކާރުން ބޮޑެތި ލުއިތަކެއްދީފައިވާތީ ކަމަށެވެ. އަދި މާދަމާއިން ފެށިގެން ސަރުކާރު އޮފީސްތަކާއި ޕްރައިވެޓް އޮފީސްތައް ހުޅުވުމުގެ ހުއްދަ ވެސް ދީފައިވާތީ ކަމަށެވެ.

" މާދަމާއިން ފެށިގެން ބުރާސްފަތި ދުވަހަށް ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށް ބްރާންޗުތަކާއި ސަރވިސް ސެންތަރުތައް ހުޅުވާފައި ހުންނާނެ. އަދި މިގޮތަށް ދޭނީ އޮންލައިން އަދި ސެލްފް ސަރވިސް ބޭންކިންގ މެދުވެރިކޮށް ލިބެން ނުހުންނަ ޚިދުމަތްތައް." ބީއެމްއެލް އިން ބުންޏެވެ.

މީގެ އިތުރުން "ކިއުބީ" އެޕްލިކޭޝަން މެދުވެރިކޮށް އެ ބޭންކުގެ ޚިދުމަތަށް ޓޯކަން ނެގޭނެ ކަމަށާއި ކިއުގައި ތިބި ކަސްޓަމަރުންގެ އަދަދު ބްރާންޗަށް އައުމުގެ ކުރިން ކިއުބީ މެދުވެރިކޮށް ބެލޭނެ ކަމަށް ވެސް ބުނެއެވެ. އަދި ބޭންކު ހުޅުވާފައި ހުންނަ ދުވަސްތަކުގައި ހެނދުނު 8:00 އިން މެންދުރު 12:00 އަށް އެޕް މެދުވެރިކޮށް ޓޯކަން ލިބޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން ބުނީ އެޕޮއިންޓްމަންޓް މެދުވެރިކޮށް ދިނުމަށް ހަމަޖެހިފައިވާ ޚިދުމަތްތައް ކުރިއެކޭވެސް އެއްގޮތަށް ލިބޭނެ ކަމަށެވެ. އަދި އެޕޮއިންޓްމަންޓަށް ޚިދުމަތް ދޭނީ ބީއެމްއެލްގެ އެކައުންޓް އޯޕެނިންގ ސެންޓަރުންނާއި ލޯން ސެންޓަރުންނާއި ބިޒްނަސް ސެންޓަރުން ކަމަށެވެ.

މި ސެންޓަރުތަކުން ޚިދުމަތް ހޯދުމަށް ބޭންކުގެ ވެބްސައިޓު މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެއެެވެ.

ނަމަވެސް ކަސްޓަމަރުން ގޭގައި ތިބެގެން ބޭންކިންގގެ ޚިދުމަތް ބޭނުންކޮށް، އޮންލައިންކޮށް ލިބެން ހުންނަ ޚިދުމަތްތައް ބޭނުން ކުރުމަށް ބީއެމްއެލް އިން ވަނީ އެދިފަ އެވެ.