މާޅޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނި މީހާ ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އެއީ އުމުރުން 42 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކުރީ މިރޭ ކަމަށެވެ.
މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
އިންޑިއަން ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓް ކުރި މައްސަލައިގައި އިންޑިއާ ހައިކޮމިޝަން އަދި ޗައިނާ އެމްބަސީގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފަ އެވެ.
ސޯޝަލް މީޑިއާ އަދި މި ނޫންވެސް ވަސީލަތްތައް މެދުވެރިކޮށް މީހުންނަށް އަނިޔާވެރި ވުމަށާއި މުދަލަށާއި ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލުމާއި އެފަދަ އަމަލުތަކަށް ތަރުހީބުދޭ ފަރާތްތަކުން އެ ކުރަނީ ޖިނާއީ ކުށެއް ކަމަށް ފުލުހުން ބުނެ އެވެ. އަދި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ދިވެހިރާއްޖޭގައި ހުންނަ ބޭރު ގައުމުތަކުގެ މިޝަންތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.