އިންޑިއާ ހައި ކޮމިޝަން ގޮއްވާލަން އިންޒާރުދީ ޓްވީޓްކޮށްފައިވާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވާ އެމްޑީޕީގެ މެންބަރު މުހައްމަދު އިނާދު ގެ މައްޗަށް ފުލުހުން ހިންގާ ތަހުގީގަށް ބަލާ އޭނާ ޕާޓީން ވަކިކުރުމަށް ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާ ހައި ކޮމިޝަން ގޮއްވާލަން އިންޒާރުދީ ޓްވީޓްކޮށްފައިވާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވާ އިނާދުގެ މައްޗަށް ފުލުހުން ހިންގާ ތަޙުޤީޤަށް ބަލާ އޭނާ ވަކިކުރުމަށް ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން މިއަދު ނިންމާފައިވާ ކަމަށެވެ.

އަދި ޓެރަރިޒަމް ފަދަ ބޮޑެތި ކުށްތަކަކީ އެއްވެސް މިންވަރަކަށް ބަލައިގަންނާނެ ޖަރީމާއެއް ނޫން ކަމަށާއި، މިފަދަ ނުރައްކާތެރި ކަންކަން ކުރާނެ ކަމުގެ އިންޒާރުދީ، އަދި މީހުންނަށާއި، މުދަލާ ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލާ މިފަދަ ކުށްތަކަށް ތަރުހީބު ދިނުމަކީ ޖިނާއީ ކުށެއް ކަމަށް އެމްޑީޕީން ބުނެއެވެ.

އަދި މިފަދަ ކުށްތަކަށް އަރައިގަންނަން އިންޒާރުދީ، ހިތްވަަރުދޭ ފަރާތްތަކާއިމެދު އަވަސް އަދި ފުރިހަމަ ތަޙްޤީޤެއް ހިންގާ، ކުށްވެރީންނަށް ހައްޤު އަދަބު ލިބިދިނުން މުޙިއްމު ކަމަށް ކަމާބެހޭ މުއައްސަސާތަކަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.