ގައުމު ބޭނުންވަނީ 2023 ގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވާދަކުރައްވަން ކަމަށް ޕީޕީއެމާއެކު ކޯލިޝަން ހަދައިފައިވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އޭނާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ "ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވާދަކުރެވެންޖެހޭނެ. އެއީ ގައުމު ބޭނުންވާ ގޮތް،" ކަމަށެވެ. އޭނާ މިހެން ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން އެކަމަށް ރައްދު ދެއްވަމުންނެވެ.

އާސްކް ސްޕީކަރ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބުގެ ކުރިން ރާއްޖެގެ ބޮޑުވަޒީރުކަން ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ. ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެންނެވުމަށްޓަކައި ރައީސް ޔާމީންގެ ތާއީދު ވެސް ލިބިވަޑައިގަންވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ރައްދު ދެއްވައި އަބްދުއްރަހީމް ވިދާޅުވެފައިވަނީ ރައީސް ޔާމީން ތާއިދު ކުރައްވަނީ ރިޔާސީ ނިޒާމަށް ކަމަށެވެ. އެއީ ރައްޔިތުން ނިންމާފައިވާ ނިޒާމް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

"ރައްޔިތުންވަނީ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމް ކަމަށް ނިންމާފައި. ރައީސް ޔާމީން ތާއިދު ކުރައްވާ ނިޒާމެއް ރައީސް ނަޝީދަކަށް އެނގިވަޑައި ނުގަންވާނެ،" އަބްދުއްރަހީމް ވިދާޅުވެފައިވެއެވެ.