ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތައް ލިބުނު ފަރާތްތަކުން "ހިޔާ 7000 ޕޯޓަލް" ގައި އަމިއްލަ އެކައުންޓް ހުޅުވައި ރަޖިސްޓްރީ ވުމަށް އެޗްޑީސީ އިން އެދިއްޖެ އެވެ.

އެޗްޑީސީ އިން ކުރި އިއުލާނެއްގައި ބުނީ މި އޮންލައިން ޕޯޓަލްގެ މަޤުޞަދަކީ، ފުލެޓު ލިބިފައިވާ ފަރާތްތަކުން އެޗްޑީސީއަށް ލިޔެކިޔުންތައް ހުށަހެޅުމާއި އަދި އެހެނިހެން މުޢާމަލާތްތައް ކުރުމަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައި ދިނުމުގެ އިތުރުން ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ކުރިމަތިވެދާނެ ހުރަސްތަކާއި އެކުވެސް، އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައްތައް ހުއްޓުމެއްނެތި ކުރިއަށްގެންދެވޭނެ އިންތިޒާމު ފަހިކުރުމެވެ.

ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި ޕޯޓަލް މެދުވެރިކޮށް އެޗްޑީސީ އަށް ހުށަހަޅަން ޖެހޭ ތަކެތީގެ ތެރޭގައި ފްލެޓު ސޮއިކުރަން ބޭނުންވާ މަޢުލޫމާތު ފޯމް ހިމެނެއެވެ. ފްލެޓު ލިބިފައިވާ ހުރިހާ ފަރާތްތަކުންވެސް ފުރިހަމަ ކުރަން ޖެހޭނެ މި މަޢުލޫމާތު ހުށަހަޅާނީ އެ ފަރާތަކަށް ފްލެޓު ލިބިފައިވާ ކެޓަގަރީގެ (އެއް ވެރިފަރާތް، ދެމަފިރިން އެއްކޮށް، ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް) ފޯމު މެދުވެރިކޮށެވެ. މިމަޢުލޫމާތު ހިޔާ މަޝްރޫޢުގެ އޮންލައިން ޕޯޓަލްގެ ޒަރިއްޔާއިން ފުރިހަމަކުރެވެން ހުންނާނެއެވެ.