ތިލަފުށި އަދި ގުޅިފަޅުން ޞިނާޢީ ބިންތަކާއި ކޮމާޝަލް ޔުނިޓުތައް ކުއްޔަށް ނަގާފައިވާ ފަރާތްތަކުން ދައްކަންޖެހޭ ފީ އަދި އެހެނިހެން ފައިސާ ހޯމަ ދުވަހުން ފެށިގެން ދެއްކުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެދިއްޖެއެވެ.

އެ ކުންފުނިން އާދިއްތަ ދުވަހު ނެރުނު އިއުލާނެއްގައި ބުނީ އެ ކޯޕަރޭޝަނާއި ގްރޭޓާރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އެއްކޮށްލުމަށް ސަރުކާރުން ނިންމުމާ ގުޅިގެން ތިލަފުށި އަދި ގުޅީފަޅުން ޞިނާޢީ ބިންތަކާއި ކޮމާޝަލް ޔުނިޓްތައް ކުއްޔަށް ދިނުމާބެހޭ ގޮތުން އެކި ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތައް އެ ކޯޕަރޭޝަނަށް ނަޤުލު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

އަދި ތިލަފުއްޓާ ގުޅީފަޅުން ޞިނާޢީ ބިންތަކާއި ކޮމާޝަލް ޔުނިޓުތައް ކުއްޔަށް ނަގާފައިވާ ފަރާތްތަކުން މަހު ކުއްޔާއި އެހެނިހެން ފީ، 2020 އޮކްޓޫބަރު 19 ވާ ހޯމަ ދުވަހުން ފެށިގެން އެ ކޯޕަރޭޝަނަށް ދައްކަމުން ގެންދިޔުމަށް އެދޭ ކަމަށެވެ.

ޗެކުން ފައިސާ ދައްކާ ފަރާތްތަކުން ޗެކު ތައްޔާރު ކުރާނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ގެ ނަމުގައި ކަމަށާ އަދި ނަގުދު ފައިސާ އިން ކުއްޔާއި އެހެނިހެން ފީ ދައްކަން ބޭނުންވާ ފަރާތްތަކަށް އެ ކޯޕަރޭޝަނުގެ މައި އޮފީހުގައި ޤާއިމުކޮށްފައިވާ ކޭޝް ކައުންޓަރުތައް މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުންވެސް އެ ކޯޕަރޭޝަނުން ތަޢާރުފްކޮށްފައިވާ 'މައި ހުޅުމާލެ' ވެބް ޕޯޓަލްގައިވާ 'ކުއިކް ޕޭ' މެދުވެރިކޮށް، ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސަމުން ދާކަމަށް ވެސް އެޗްޑީސީ އިން ބުނެއެވެ.