އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް 13 ޖޫން 2021 އިން 13 ޖުލައި 2021 އާ ދެމެދު ޖުމުލަ 59 މައްސަލައެއް ހުށަހަޅައިފިއެވެ.

މިގޮތުން މި އޮފީހަށް މިހާތަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ޙައްޤާއި، މަސައްކަތްކުރުމުގެ ޙައްޤާއި، މުދާ ހޯދައި ލިބިގަތުމުގެ ޙައްޤާއި، އުނގެނުމުގެ ޙައްޤާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ޕެންޝަން ލިބުމުގެ ޙައްޤާއި، ޤާނޫނާ ޚިލާފަށް ހައްޔަރުކުރުން އަދި ޒާތީ ދިރިއުޅުމާ ގުޅޭ މައްސަލަތައް ހިމެނެއެވެ.

މީގެ ތެރެއިން އެންމެ ގިނަ އަދަދަކަށް މި އޮފީހަށް ހުށަހެޅިފައިވަނީ ބޯހިޔާވަހިކަމުގެ ޙައްޤާ ގުޅޭ މައްސަލަތަކަށް ކަމަށްވާއިރު، އެންމެ މަދުން ހުށަހެޅިފައި ވަނީ ޕެންޝަން ލިބުމުގެ ޙައްޤާ ގުޅޭ މައްސަލަތަކާއި ޒާތީ ދިރިއުޅުމާ ގުޅޭ މައްސަލަތަކެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ 13 ޖޫން 2021 އިން 13 އޯގަސްޓް 2021ގެ ނިޔަލަށެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭނީ ޤާނޫނު ނަންބަރު 28/2020 (އިންތިޤާލީ އިންސާފުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާފަދައިން 1 ޖަނަވަރީ 1953 އިން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމައަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތަކާ ގުޅޭ މައްސަލަތަކެވެ.