ޕޮރޮމޯޝަންތަކުގެ ނަމުގައި މަކަރާއި ހީލަތުން ފައިސާހޯދުމުގެ ފޯނުކޯލުތައްވެސް އަންނާނެ ކަމަށާއި އެކަންކަމުން ސަލާމަތްވުމަށް ދިވެހި ފުލުހުންގެ އިދާރާއިން އިލްތިމާސްކޮށްފި އެވެ.

ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ފަސީހު ވިދާޅުވީ މާލެ ސަރަހައްދުގެ އިތުރުން ކުށްމަދުކުރުމަށް އަތޮޅުތެރޭގައިވެސް ފުލުހުން ހަރަކާތްތެރިވަމުންދާނެ ކަމުގައެވެ. އަދި ކުށްމަދު ކުރުމަށް ރައްޔިތުން ހޭލުންތެރިކުރުވަށް މައުލޫމާތު ދިނުމުގެ މަސައްކަތްވެސް ކުރަމުންދާކަމުގައެވެ.

ޚާއްސަކޮށް ބަންދުތެރޭގައި ދަތުރުފަތުރު ކުރުން އިތުރުވާނެތީ ކަނޑުމަތީގައި މެރިން ޕޮލިސް ހަރާކާތްތެރިވާ މިންވަރު އިތުރުވާނެ ކަމަށާއި އުޅަނދުތަކުގެ ސަލާމަތާއި ރައްކާތެރިކަންހުރި މިންވަރު ބަލައި އުޅަނދުތަކުގައި އިތުރަށް ރަނގަޅުކުރަންހުރި ކަންކަމުގެ މައުލޫމާތު އޮޑިވެރިންނާ ހިއްސާކުރަމުންދާ ކަމަަށް ފުލުހުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ބަންދުތެރޭގައި ދަތުރު ދިއުމާއި މޫދަށް އެރުންވެސް އިތުރުވާނެތީ ދަތުރު ދިއުމާއި މޫދަށް އެރުމުގައި ސަމާލަތާއި ރައްކާތެރިކަމަށް ޚާއްސަ އިސްކަމެއް ދިނުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ. ޚާއްސަކޮށް ކުޑަކުދިން މޫދަށް ގެންދާނަމަ އެކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރުމާއި ކުދިން އުޅޭނޫޅޭ ގޮތް ގާތުން ބެލުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.

"ގެ ހުސްކޮށްފައިދާނަމަ ގެ ބެލެހެއްޓުން ޒިންމާދާރުފަރާތަކާ ހަވާލުކުރުމާއި، ތަޅުދަނޑި ބޭރުގައި ނުބޭއްވުމަށާއި، ވައިގޮޅިއާ ދިމާއަށް ހުންނަ ދޮރުތަކާއި ޚާއްސަކޮށް ފާޚާނާ ފެންލައިޓުން ވަދެގެންވެސް ވައްކަންކުރާކަމާ އެހެންކަމުން ވަގުންނަށް ނުވަދެވޭނެފަދަ ގޮތަކަށް ފެންލައިޓުތައްވެސް ބަންދުކުރުމާއި ގޭގެ ކުޑަދޮރުތައްވެސް ރަނގަޅަށް ތަޅުލުމަށް އިލްތިމާސްކުރަން." ފުލުހުން ބުނެފައި ވެއެވެ.