މާލޭ ސިޓީ ކައުންސިލުން ހިންގާ ދަތުރުވެރިންގެ މާރުކޭޓާއި، ލޯކަލް މާރުކޭޓްގެ ގޮޅިތަކަށް އެދުމުގެ ފުރުޞަތު އިތުރުކޮށްފިއެވެ.

މިކަން ޢާއްމުކޮށް ސިޓީ ކައުންސިލުން ކުރި އިޢުލާންގައިވާގޮތުން ގޮޅިތަކަށް އެދި ހުށަގެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ އޯގަސްޓްމަހުގެ 17 ވަނަދުވަހެވެ. އެދުވަހުގެ 14:00 އާއި ހަމައަށް ފޯމު ބަލައިގަންނަގޮތަސް ވަނީ ހަމަޖައްސާފައެވެ.

ގޮޅިތަކަށް އެދުމުގެ މުއްދަތު އިތުރުކުރީ، ގޮޅިއަށް އެދުމުގައި ހުށަހަޅަންޖެހޭ ޓެކްސް ދެއްކި ކަމުގެ ލިޔުން ހޯދުމަށް އެކަށީގެންވާ މުއްދަތެއް ކުރީގެ އިޢުލާނުން ދެވިފައިނުވާތީ ގިނަ ފަރާތްތަކކަށް ދަތިތަކާ ކުރިމަތިވަމުންދާތީ އެކަމަކީ ހަގީގަތުގައިވެސް ދަތިވާނެކަމެއްކަމަށް ކައުންސިލަށް ގަބޫލުކުރެވޭތީއެވެ. ޓެކްސް ދެއްކިކަމުގެ ލިޔުން ދޫކުރުމުގައި މުއްދަތެއް ނަގާކަމަށް ކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. ކުރިން އުޢުލާންކޮށްފައިވަނީ އޮގަސްޓްމަހުގެ 2 ވަނަ ދުވަހުގެ 14:00 އަށް މުއްދަތު ހަމަވާގޮތަށެވެ.

މާރުކޭޓްތަކުން މި ފަހަރު ހުޅުވާލައިފައިވަނީ ޖުމްލަ 349 ގޮޅި ކުއްޔަށް ދޫކުރުމަށެވެ. އެއީ ލޯކަލް މާރުކޭޓުން 186 ގޮޅިއާއި ދަތުރުވެރިންގެ މާރުކޭޓުން 163 ގޮޅިއެވެ. ލޯކަލް މާރުކޭޓްގެ ގޮޅިތަކުގެތެރޭގައި ހިމެނެނީ ތަރުކާރީއާއި މޭވާ ވިއްކުމަށް ޚާއްޞަ 100 ގޮޅިއާއި، ވަޅޯމަސް ވިއްކުމަށް ޚާއްޞަ 32 ގޮޅިއާއި، ލުއިކާނާއާއި ސޮފްޓް ޑްރިންކްސް ވިއްކުމަށް ޚާއްޞަ 35 ގޮޅިއާއި، ” ގަޑިކަމަރު ” ވިއްކުމަށް ޚާއްޞަ 19 ގޮޅިއެވެ.

ގޮޅިތައް ކުއްޔަށް ދިނުމަށް ކަނޑައަޅާފައިވާ ރޭޓަކީ އަކަފޫޓަކަށް 31.25 ރުފިޔާގެ ރޭޓުން ގޮޅީގެ ބޮޑުމިނަށް ހިސާބުހެދީމައި ޖެހޭ އަގެވެ. މި ރޭޓުން ހިސާބުކުރުމުން އެންމެ ބޮޑު ގޮޅިއަށް ޖެހެނީ 2000.00 ރުފިޔާއެވެ. ގޮލީތަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 2 އަހަރުދުވަހުގެ މުއްދަތަށެވެ.

މާރުކޭޓް ގޮޅިތަކަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި މިފަހަރު ބަލާނީ ގޮޅި ލިބިފައިވާ ފަރާތްތަކުގެތެރެއިން، ގޮޅި ލިބިފައިވާ މުއްދަތުގައި އަމިއްލައަށް ގޮޅި ހިންގާ ކޮންމެ ފަރާތަކަށް 30 ޕޮއިންޓް، ސޭޓެއްގެ ގޮތުގައި ނުވަތަ އެހީތެރިއެއްގެ ގޮތުގައި ހުރެގެން ގޮޅި ހިންގާ ފަރާތެއްނަމަ 15 ޕޮއިންޓް، ގޮޅި ހިންގާތަން 3 އަހަރުވެފައިވާނަމަ 45 ޕޮއިންޓެވެ. މި ބަޔަށް ޕޮއިންޓް ދިނުމުގައި 2 އަހަރުވެފައިވާނަމަ 30، އަދި 1 އަހަރުވެފައިވާނަމަ 15 ޕޮއިންޓް ދޭގޮތަށް ގިންތިކޮށްފައިވެއެވެ.

ގޮޅިކުއްޔަށް ހިފަން އެދި ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް ފޯމްކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެމީހަކު އެދޭ މާރުކޭޓެއް ފާހަގަކުރަންޖެހޭގޮތަށް ވަނީ ހަމަޖައްސާފައެވެ. ގޮޅި ދޫކުރުމުގައި ބަލަނީ 50 ޕޮއިންޓަށްވުރެ މަތިން ލިބޭ ފަރާތްތައް ގުރުއަތުލައިގެންނެވެ. ގުރުއަތުލުމުގައި މާރުކޭޓްގެ ގޮޅިތަކުގެ ވިޔަފާރިތަކަށް ބަލައިގެން ގިންތިކުރުމަށްފަހު އެ ގިންތިއަކަށް އެދުނު ފަރާތްތަށް އެ ގިންތިއަކަށް ހަމަޖެހިފައިވާ ގޮޅިތަކުގެ ގިންތިއަށް ލައި ގުރުއަތުލާގޮތަށެވެ.

މާރުކޭޓް ގޮލީތަށް އަލުން ކުއްޔަށް ދިނުމަށް ހުޅުވާލީ މިހާރު ހުރި ގޮޅިތަށް ދޫކުރި މުއްދަތު ހަމަވެފައިވާތީއެވެ.