ފުލުހުންގެ އުމްރާނީ ވަސީލަތް ތަރައްގީކުރުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.
އެ މުއައްސަސާއަށް ބޭނުންވާ އުމްރާނީ ތަރައްގީގެ ގިނަ ޕްރޮޖެކްޓްތަކެއް ހިންގުމަށް އެއްބަސްވެ، ސޮއިކޮށްފައިވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީއާއެކުގަ އެވެ.
48 މިލިއަން ޑޮލަރުގެ މި އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ. އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް، ޖޭވީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ފައުންޑަރ އަދި ޗެއަރމަން މރ. ބުޕޭޝް ނާގަރާޖަން އެވެ.
މި އެއްބަސްވުމުގެ ދަށުން 61 ޕޮލިސް ފެސިލިޓީއާއި އިމާރާތް ބިނާ ކުރުމަށް ނިންމާފައިވާ އިރު، އޭގެ ތެރޭގައި، ކ. ދޫނިދޫގައި އިމާރާތްކުރާ ކަސްޓޯޑިއަލް ފެސިލިޓީއާއި މިހާރުވެސް ބޭނުންކުރަމުންދާ ދެ އިމާރާތެއް އުމްރާނީގޮތުން އިތުރަށް ތަރައްޤީ ކުރުން ހިމެނެ އެެވ. އަދި އަތޮޅު ތެރޭގެ ރަށްރަށުގައި އިމާރާތްކުރާ 23 ޕޮލިސް ސްޓޭޝަނާއި 21 ޕޮލިސް ޕޯސްޓާއި 8 އަތޮޅު ޕޮލިސް ސްޓޭޝަނާއި މާލޭގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނަކާއި ހުޅުމާލެ ފޭސް ދޭއް ގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނަކާއި ހަތަރު އެކޮމޮޑޭޝަން އިމާރާތް ވެސް މީގެ ތެރޭގައި ހިމެނެ އެވެ.
މިއީ 2 އަހަރު ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ޕްރޮޖެކްޓެކެވެ.
އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ މި ޕްރޮޖެކްޓަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އުމްރާނީ ތަރައްގީއަށް މިހާތަނަށް ހިންގޭ އެންމެ ބޮޑު ޕްރޮޖެކްޓް ކަމަށެވެ.
" ފުލުހުންގެ ޚިދުމަތް ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ކޮމިއުނިޓީ ޕޮލިސިންގެ ފަލްސަފާގެ ދަށުން ފުލުހުންގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގައި، އިންސާނީ ވަސީލަތާއި ޤާނޫނާއި ޤަވާއިދުތަކާއި ފުލުހުން ޒިންމާދާރު ކުރުވޭނެ ޑިމޮކްރެޓިކް އުސޫލުތަކުގެ އިތުރުން އެކަށީގެންވާ އުމްރާނީ ވަސީލަތަކީ ކޮންމެހެން ބޭނުންތެރި ކަމެއް." ސީޕީ ހަމީދު ވިދާޅުވި އެވެ.
އިންޑިއަން އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާއެކު ވެވޭ ލޯން އެއްބަސްވުމެއްގެ ދަށުން މަޝްރޫއުގެ 85 އިންސައްތަ އެގްޒިމް ބޭންކުން ފައިނޭންސް ކުރާގޮތަށް މި މަޝްރޫއަށް ފައިނޭންސް ކުރުމަށް ހަމަޖެހިފައިވާ އިރު، ބާކީ 15 އިންސައްތަ ހަމަޖައްސާނީ ދިވެހި ސަރުކާރުން ނެވެ.
މި މަޝްރޫއަކީ ބިޑްކުރުމަކާ ނުލައި ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދާއި އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީގެ ފައުންޑަރ އަދި ޗެއަރމަން މރ. ބުޕޭޝް ނާގަރާޖަންގެ އިތުރުން، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއާއި ފުލުހުންގެ ޚިދުމަތުގެ އިސް ބައެއް އޮފިސަރުންނާއި އިންޑިއަން ހައި ކޮމިޝަންގެ ބައެއް އޮފިޝަލުން ބައިވެރިވެލެއްވި އެވެ.