ނައިބު ރައީސް ފައިސަލް ނަސީމުއާއި ފެނަކަ ކޯޕަރޭޝަން ގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު މުހައްމަދު ސައީދު ފުވައްމުލައްސިޓީއަށް ޒިޔާރަތް ކުރައްވައިފި އެވެ.

އެ ދެ ބޭފުޅުންގެ މި ޒިޔާރަތުގައި ފުވައްމުލަކު ސިޓީގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ފެނަކަ ކޯޕަރޭޝަނުން ކުރިއަށްގެންދާ މަޝްރޫއުގެ މަސައްކަތްތައް ވަނީ ބައްލަވާލައްވާފަ އެވެ. އަދި އެ މަސައްކަތް ކުރާ ފަރާތްތަކާ ވެސް ވަނީ ބައްދަލުކުރައްވާފަ އެވެ.

މި މަޝްރޫޢު އާގުޅިގެން ފެނަކަ އެމްޑީ ސައީދު ވިދާޅުވީ އެ މަޝްރޫއު ކާމިޔާބުކަމާއެކު ނިންމަން ފެނަކައިން ފުރިހަމައަށް އެއްބާރުލުން ލިބޭނެ ކަމަށެވެ.

ފުވައްމުލައްސިޓީއަށް ކުރައްވާފައިވާ މި ޒިޔާރަތުގައި މި މަޝްރޫއުއާ ގުޅޭ މައުލޫމާތު ހިއްސާކުރެއްވުމަށް އެ ސިޓީގެ ކައުންސިލާ ވެސް ސައީދު ވަނީ ބައްދަލުކުރައްވާފަ އެވެ.

ފުވައްމުލަކު ނަރުދަމާ ނިޒާމުގެ މައްސަލަތައް ހައްލުކުރަން ފެނަކަ ކުންފުންޏާއި ހަވާލުކުރީ މިއަހަރުގެ ފެބްރުއަރީ މަހުގަ އެވެ. ހަ މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި އެ މަޝްރޫއުގެ އަގަކީ 43.2 މިލިއަން ރުފިޔާ އެވެ.

އެ މަޝްރޫއުގެ މަސައްކަތްތައް މިހާރު ނިމުމަކާ ގާތަށް އައިސްފައިވާ ކަމަށް ފެނަކައިން ބުނެ އެވެ.