މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 131 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތައް ފަށައިފި އެވެ.

އެގޮތުން މިއަދު ހެނދުނު 06:00 ގައި ވަނީ ކަސްޓަމްސްގައި ޙާއްޞަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.

މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ދިދަ ނަންގަވައިދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފް އެވެ. އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ދިދަ ނަންގަވައި ދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް މަޙްމޫދު ރިޔާޟް އެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފް، ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށާއި ކަސްޓަމްސްގެ މިނިސްޓަރ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްޛާޒާ މާރިޔާ އަޙުމަދު ދީދީއަށް ފޮނުއްވިއެވެ. އަދި މިތަހުނިޔާގައި ކަސްޓަމްސްގެ އެންމެހާ ލޮބުވެތި، ހީވާގި މުވައްޒަފުންނަށާއި މުވައްޒަފުންގެ ޢާއިލާތަކަށާއި ކަސްޓަމްސްގެ ޚިދުމަތް ހޯއްދަވާ ފަރާތްތައްވެސް ޝާމިލްކުރެއްވިއެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ދުވަހާ ގުޅޭގޮތުން ޚާއްޞަ ދުޢާއެއް ކުރުންވެސް އޮތެވެ. އިސްވެ މި ދުޢާ ވިދާޅުވެދެއްވީ ސީނިއަރ ސުޕްރިންޓެންޑެންޓް މުޙައްމަދު ނިޒާރެވެ. ކަސްޓަމްސް މައި އޮފީހުގެ އިތުރުން ރާއްޖޭގެ ކަންކޮޅުތަކުގައި ޤާއިމުކޮށްފައިވާ ކަސްޓަމްސް އޮފީސްތަކުގައި ވެސް ދިދަ ނެގުމުގެ ރަސްމިއްޔާތު ވަނީ އެއްވަގުތެއްގައި ބާއްވާފައެވެ.

މީގެ އިތުރުން ނާސަބަތުގައި ކަސްޓަމްސް އޮފިސަރުންގެ ތެރެއިން މަޤާމުގެ ކުރިއެރުން ނުލިބި ގިނަ ދުވަސްވެފައިވާ އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން ދިނުމަށްޓަކައި ކަސްޓަމްސް ބިލްޑިންގ ގައި ޙާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާ އިރު، މިރަސްމިއްޔާތުގައި އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން ދެއްވީ ކަސްޓަމްސްގެ މިނިސްޓަރ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްޛާޒާ މާރިޔާ އަޙުމަދު ދީދީ އަދި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފް އެވެ.

މި ހަފްލާގައި ޑިފެންސް މިނިސްޓަރ އަލްއުސްޛާޒާ މާރިޔާ އަޙުމަދު ދީދީ އާއި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފް ދެއްކެވި ވާހަކަފުޅުތަކުގައި، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދިމާވި ދަތި އުނދަގޫ ދުވަސްތަކުގައިވެސް ދިވެހި ރައްޔިތުންނަށް ކަސްޓަމްސްގެ ފަރާތުން ފޯރުކޮށްދޭން ޖެހޭ މުހިއްމު ހިދްމަތްތައް ފޯރުކޮށްދިނުމަށް ކަސްޓަމްސްގެ މުވައްޒަފުން ކުރައްވަމުންދާ ބުރަ މަސައްކަތްތައް ފާހަގަކޮށް، ކަސްޓަމްސްގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު ދެންނެވިއެވެ.

މަޤާމުގެ ކުރިއެރުން ލިބުނު މުވައްޒަފުންނާ މުޙާތަބުކޮށް މިނިސްޓަރ އަލްއުސްޛާޒާ މާރިޔާ އަޙުމަދު ދީދީ ދެއްކެވި ވާހަކަފުޅުގައި، ކޮންމެ ކުރިއެރުމަކާއެކު ޒިއްމާތަކެއް އިތުރުވެގެންދާނެކަމާ، ކަސްޓަމްސްގެ ވާޖިބު އަދާކުރުމުގައި އިޙްލާސްތެރިކަމާއި ނަޒާހަތްތެރިކަމާއި ޕްރޮފެޝަނަލްކަމާއެކު ދެމިތިބުމަށް ނަސޭހަތްތެރިވިއެވެ.

ކަސްޓަމްސްގެ 131 ވަނަ އަހަރީދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޙާއްސަ ހަފްލާ މިރޭ ވަރޗުއަލްކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކަސްޓަމްސްއަކީ ދިވެހިރާއްޖޭގެ އެންމެ ގިނަ ދުވަސްވީ މުއައްސަސާއެވެ. 18 ޖުލައި 1890 ވަނަ ދުވަހު ކަސްޓަމްސްގެ ޙިދުމަތް ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ދޭން ފަށާފައިވަނީ ބަންޑާރަ ފިހާރައިގެ ނަމުގައެވެ.