މާދަމާގެ ޢީދު ނަމާދު މާލެ ސަރަހައްދުގެ 39 މިސްކިތެއްގައި ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ މާދަމާގެ ޢީދު ނަމާދު ޖަމާޢަތުގައި ކުރާ މިސްކިތްތަކުގެ ތެރޭގައި އިސްލާމީ މަރުކަޒު، މަސްޖިދުލް ފުރުޤާން، ނޫރު މިސްކިތް، މަސްޖިދުއްސުލްތާން މުހައްމަދު ބިން އަބްދުﷲ މިސްކިތް ހިމެނޭ ކަމަށެވެ.

ކޮވިޑުގެ ބަލިމަޑުކަމާއެކު މާލެ ސަރަހައްދުގައި ފާއިތުވެދިޔަ ދެ އަހަރުވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށްފައިނުވެ އެވެ.

ކޯވިޑް-19ގެ ހާލަތު ރާއްޖޭގައި ގޯސްވުމާއި ގުޅިގެން މީގެކުރިން ނިންމާފައިވަނީ މިއަހަރުގެ އަޟްހާ އީދު ނަމާދު މާލެ ސަރަހައްދުގައި ޖަމާއަތުގައި ނުކުރާ ގޮތަށެވެ.

އެހެންނަމަވެސް މާލެ ސަރަހައްދުގައި ޢީދު ނަމާދު ކުރުމުގެ ހުއްދަ ދީފައިވަނީ މިހާރުގެ ހާލަތު ރަނގަޅުވެ، ބަލިޖެހޭ މީހުންގެ އަދަދު މަދުވުމުން، ކަމާއިބެހޭ ފަރާތްތަކާއި މަޝްވަރާ ކުރުމަށްފަހު އެވެ.

މީގެ ކުރިން މޫސުން ތަންދޭނަމަ ކޮންމެ އަހަރަކުވެސް ފިޠުރު ޢީދާއި އަޟްޙާ ޢީދު ނަމާދު މާލެއާއި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ބޮޑު ޖަމާޢަތުގައި ކުރެއެވެ. އަދި މި ޖަމާޢަތްތަކުގައި ގިނަ ބަޔަކު ބައިވެރިވެ އެވެ.

މިއަހަރުގެ އަޟްހާ ޢީދު ދުވަހަކީ މާދަމާ އެވެ.