މުޅި ހަޔާތުގެ އަމާޒަކީ ދީން ކަމުގައި ހެދުމަށް މިއަދުގެ އަޟްހާ ޢީދު ޚުތުބާގައި ގޮވާލައިފި އެވެ.

ޚުތުބާގައި ބުނީ އިސްލާމް ދީނަށްޓަކައި ގުރުބާންވާން ކެރޭ މީހުންނަށް މިއަދު ބޭނުންވެފައިވާ ކަމަށެވެ.

"މުސްލިމުންގެ ހައްގުތަކަށް އަރައިގަންނަމުންދާ އިރު، އެމީހުންގެ ވަގުތުންނާއި މުދަލުންނާއި އީޖާދުތަކުން އިސްލާމް ދީނަށްޓަކައި ގުރުބާންވާން ކެރޭ މީހުންނަށް މިއަދު ވަނީ ބޭނުންވެފަ. މި އީދުން އާ ސަފުހާއެއް ހުޅުވާލާ. އެ ސަފުހާގެ ތެރެއިން މި ހާލަތު ރަނގަޅު ކުރެވޭތޯ މުޅި ހަޔާތުގެ އަމާޒަކީ ދީން ކަމުގައި ހަދަމާތޯ" ޚުތުބާގައި ބުންޏެވެ.

މީގެ އިތުރުން އީދު ދުވަހު އާ ހެދުން ލައި ޒީނަތްތެރިވުމުން ރަމްޒު ކޮށްދެނީ ހަށިތަކެކޭ އެއްފަދައިން އަމަލުތައްވެސް ޒީނަތްތެރި ކުރަންޖެހޭކަން ކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި އިތުރަށް ބުނީ މިއަދު ފެންނަމުން ދަނީ އިސްލާމް ދީނަށާއި ކީރިތި ޤުރުއާނަށް ފާޅުގައި އިހާނެތިކޮށް ހިތައި، ނަބިއްޔާއަށް ފުރައްސާރަކޮށް، މުސްލިމުންގެ މުގައްދަސް ތަންތަނަށް އަރައި، އެތަންތަން ފޭރިގަންނަތަން ކަމަށެވެ. އަދި އިސްލާމް ދީން ވަނީ އެ ދީނުގެ ވަތަނުގައި ބީރައްޓެހިކޮށް، ސައްތައިން ސައްތަ އިސްލާމީ ގައުމެއް އޮވެގެން ނުވާނެ ކަމަށް އަޑު އުފުލަމުންދާ ކަމަށްވެސް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ އިބްރާހީމްގެފާނުގެ އިމްތިހާނުން އިސްލާމީ އުއްމަތް މިއަދު އިބުރަތް ހާސިލުކުރަން ވެއްޖެ ކަމަށާއި އެގޮތުން އެ އިމްތިހާނުގައި އެ ކަލޭގެފާނުގެ ދަރިކަލުން އިސްމާއީލްގެފާނު ބޮޑު ދައުރެއް އަދާކުރެއްވި ކަމަށެވެ. އަދި ﷲގެ އަމުރުފުޅަކަށްވާތީ ބައްޕާފުޅަށް ކިޔަމަންވެވަޑައިގެން ގޮތުން ފިލާވަޅު ދަސްކުރަންޖެހޭ ކަމަށްވެސް ބުންޏެވެ.