ފޮރިން މިނިސްޓަރ ޝާހިދު އިންޑިއާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އިންޑިއާ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅަކީ އ.ދ ގެ ގައުމީ މަޖިލީހުގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ކުރައްވާ ދަތުރުފުޅެކެވެ.

މިނިސްޓާރު ޝާހިދު ވިދާޅުވީ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ދިއްލީއަށް މިއަދު ވަޑައިގަންނަވަން ހަމަޖެހިފައި ވާކަމަށެވެ.

އެ ދަތުރުފުޅުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާއި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓާރު ޑރ. އެސް. ޖަޔަޝަންކަރްއާ ބައްދަލު ކުރައްވާނެ އެވެ.

މިނިސްޓަރު ޝާހިދު އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވެވަޑައިގަތީ މިދިޔަ މަހުގެ 7 ވަނަ ދުވަހުއެވެ. އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ރަލްމައި ރަސޫލްއާ ވާދަ ކުރައްވާ ޝާހިދު ރައީސްކަން ކާމިޔާބު ކުރެއްވީ 143 ވޯޓުންނެވެ. ޑރ. ރަލްމައި ރަސޫލް އަށް ލިބިވަޑައިގެންނެވީ 48 ވޯޓެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލިސް ފަށަން ތާވަލްކޮށްފައި ވަނީ ސެޕްޓެމްބަރު 14، 2021 ގަ އެވެ. ކޮންމެ ދައުރަކަށް ވަކި ރައީސަކު އިންތިހާބު ކުރަން ޖެހޭއިރު އާންމު މަޖިލީހުގެ ދައުރު ފެށުމުގެ ތިން މަސް ކުރިން މަގާމުތަކަށް މެމްބަރުން އިންތިހާބުކުރަން ޖެހެ އެވެ.