ޢީދުގައި ކުޅޭ ކުޅިވަރުތަކުގެ ތެރެއިން ށ. ފުނަދޫގައި ކުޅޭ ޘަޤާފީ ކުޅިވަރެއް ކަމުގައިވާ ނައު ބޭލުމަކީ ވަރަށް ޚާއްޞަ ކުޅިވަރެކެވެ. އަޟުހާ ޢީދު ނިންމާ ދުވަސް ނުވަތަ ޢީދުގެ އެންމެފަހު ދުވަހު ކުޅޭ މި ކުޅިވަރަކީ ޢީދުގައި ކުޅޭ އެހެން ކުޅިވަރުތަކާ ތަފާތު ގޮތަކަށް ކުޅޭ ކުޅިވަރެކެވެ.
ށ. ފުނަދޫ، އާހިޔާ، އާދަމް ހުސައިން ބުނި ގޮތުގައި ނައު ބޭލުން ފެށެނީ އަންހެންވެރިން ފިރިހެންވެރިންނަށް ދޭ ދަޢުވަތަކުންނެވެ. މި ދަޢުވަތު ދިނުމަށް ކިޔަނީ ބިލެތް އެޅުމެވެ. ދުފުމަށް ބޭނުންކުރާ ހުރިހާ ބާވަތެއް ހިމަނައިގެން މި ބިލެތް އަޅައި ފިރިހެންވެރިންނަށް ދިނުމަށްފަހު އެމީހުންގެ ކިބައިން ނައު ބާލައި ދިނުމަށް އެދޭނެއެވެ. ދެން އެހިސާބުން ނައު ބަނުމުގެ މަސައްކަތް ފެށޭނެއެވެ. އެއީ ފަތިސްނަމާދު ނިންމައިގެންނެވެ.
ފިރިހެންވެރިން ނައު ބަންނަން ފެށުމުން އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން އަންހެންވެރިން ޖޫހާއި ފެނާއި ދުފުން ފަދަ ތަކެތި ގެންގޮސްދޭނެއެވެ. މެންދުރު ވާއިރަށް ނައު ހަދާ ނިންމާލާނެއެވެ.
އެއަށްފަހު ނައު ބޭލުމުގެ ކުޅިވަރު އޮންނާނީ ޢަސުރު ނަމާދު ފަހުއެވެ. ނައު ބޭލުން އޮންނަނީ ފަސޭހައިން މޫދަށް ބޭލޭނެ ހިސާބެއްގައެވެ.
ނައު ބޭލުމަށްޓަކައި ފުރަތަމަ ކަންވެރިޔާ ގެންނާނެއެވެ. އެއީ އެހެން ރަށަކުން ގެންނަ އެދުރު ބެއެކެވެ. ކަންވެރިޔާ ވަރަށް ޝަރަފުގައި ގެނެސް އަންހެންވެރިން މާފަތި އަޅުވައެވެ. އަދި ކުރުނބާ ކަނޑައިދީ ހެދުން އޮވެއެވެ. ކަންވެރިޔާ ގެންނައިރު ނައު ބޭލުމަށްޓަކައި ވާންވީ ހުރިހާ ތައްޔާރީއެއް ވެގެން އޮޑިވެރިޔާ ވެސް ގޮނޑުދޮށަށް ގޮސް ހުންނާނެއެވެ. ކަންވެރިޔާ އަކީ އުމުރުން ދުވަސްވީ މީހަކަށް ވުމުން ނައު ބޭލެނީ ވަރަށްގިނަ މަސައްކަތުންނެވެ. އިރުވަރު ބަލައި އެތައް ކިޔެވެއްޔެއް ކިޔެވުމަށްފަހުއެވެ. އެތައް ފަހަރަކު އަނބުރާ ހަދަމުން ނައު ބާލަން ފެށުމާއެކު އޮޑިވެރިޔާގެ އަންހެނުން މިކަމާ ނުރުހުންވެ ނައު ބޭލުމަށް ހުރަސް އަޅައެވެ. އޮޑިވެރިޔާގެ އަންހެނުންގެ ހުއްދައަކާ ނުލައި މި ނައު ބާލާތީ މި ކަނބުލޭގެ ނައު ބޭލުމަށް ހުރަސް އަޅާ ނައު ހިފަހައްޓަން އެ ކުރާ މަސައްކަތަކީ މި ކުޅިވަރު ބަލަންތިބޭ ރައްޔިތުން ހެއްވާލާ މަންޒަރަކަށް ވެއެވެ. ނައު ބޭލުމުގައި ވަރަށްގިނަ ރައްޔިތުން ބައިވެރިވެއެވެ.
މި ކުޅިވަރު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ތަފާތު ވައްތަރުތަކުގެ މާލި ވެސް ބައިވެރިވެއެވެ. އެތައް މަސައްކަތަކުން އެތައް ކިޔެވެއްޔެއް ކިޔެވުމަށްފަހު ދުން އަޅައި ވަރަށް ބުރަމަސައްކަތުން އިރު އޮއްސެންވާއިރަށް ނައު މޫދަށް ބާލައެވެ. އެއަށްފަހު އެ ބޭލުމުގެ އުފަލުގައި ފެންކުޅި ކުޅެން ފަށައެވެ.
ފުނަދޫގައި އަޟުހާޢީދު ނިންމުމަށް ކުޅޭ މި ޘަޤާފީ ކުޅިވަރު ނައު ބޭލުމަކީ ވަރަށް މަޖާ އަދި އެހާމެ ޝައުގުވެރި ކުޅިވަރެކެވެ. ކުރީޒަމާނުގައި ދިވެހީން އޮޑިފަހަރު ބާލައި އުޅޭގޮތް މި ކުޅިވަރުން ދައްކައިދެއެވެ. މިފަދަ ކުޅިވަރުތަކަކީ ކާބަފައިންގެ ޒަމާނުއްސުރެ ކުޅެމުން އަންނަ އިޖުތިމާއީ ރޫހު އާލާވާ ކުޅިވަރު ތަކެކެވެ. އޭގެ އިތުރުން ރައްޔިތުންގެ މެދުގައި އެކުވެރިކަން ބަދަހި ކޮށްދޭ ކުޅިވަރުތަކެކެވެ.