އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަަށް 3.5 ޓަނުގެ ޕސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް(ޕީޕީއީ) ސާމާނު ހަދިޔާކޮށްފިއެވެ.

މިތަކެތި ދިވެހި ސަރުކާރާއި ޙަވާލުކޮށްފައިވަނީ ސްރިލަންކާގައި ހުންނަ އޮސްޓްރޭލިއާ ހައިކޮމިޝަންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

އޮސްޓްރޭލިއާއިން ރާއްޖެއަށް ހަދިޔާކުރި މި ތަކެއްޗަކީ ކޮވިޑް-19އާ ދެކޮޅަށް ކުރީ ސަފުގައި ހަރަކާތްތެރިވާ ޚިދުމަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރާ މަސައްކަތުގައި އެހީތެރިވުމަށް ހަދިޔާކޮށްފައިވާ ސާމާނުތަކެކެވެ.

ލަންކާގައި ހުންނަ އޮސްޓްރޭލިއާ ހައިކޮމިޝަނުން ބުނީ ކޮވިޑުން އަރައިގަތުމަށް ކުރާ މަސައްކަތުގައި އެހީތެރިވުމަށް އެ ޤައުމުން ރާއްޖެއަށް މިހާތަނަށް ގާތްގަނޑަކަށް 9 މިލިއަން ރުފިޔާގެ އެހީ ފޯރުކޮށްދީފައިވާކަމަށެވެ. މީގެ ތެރޭގައި ޕީ.ޕީ.އީ ސާމާނު ހަދިޔާކުރުމާއި، ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ކެޕޭސިޓީގެ އިތުރުކުރުމާއި، އަންހެނުންނާއި އަންހެން ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމާ ގުޅުންހުރި އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކޮށްފައިވެއެވެ.

އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް 3.5 ޓަނުގެ ޕީ.ޕީ.އީ ސާމާނު ހަދިޔާކޮށްފައިވާތީ، ދިވެހި ސަރުކާރުގެ ނަމުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ ޚާއްސަ ޝުކުރެއް ދަންނަވާފައެވެ.