ޕާކިސްތާންގެ ބޮޑު ވަޒީރު އިމްރާން ޚާންގެ ތަޙްރީކޭ އިންސާފް ޕާޓީން ކަޝްމީރުގެ އިންތިޚާބު ކާމިޔާކޮށްފިއެވެ. ނަމަވެސް މިއީ ކަޝްމީރު ސަރަހައްދުގައި ޕާކިސްތާނުން ބާއްވާފައިވާ އެންމެ ހުތުރު އިންތިޚާބު ކަމުގައި ޕާކިސްތާންގެ މީޑިއާއިން ސިފަ ކޮށްފައި ވެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ހަމަނުޖެހުން ބޮޑު މިއިންތިޚާބުގެ ކަންކަން ބެލެހެއްޓުމަށް ސިފައިން ބައިތިއްބާފައި ވެއެވެ. އަދި އޮޅުވާލުމުގެ މަސައްކަތް ހިނގަމުން ދިޔައީ މިމީހުންގެ ކުރިމަތީގައެވެ.
އިންތިޚާބުގައި ސިޔާސީ ޕާޓީތަކުން އެއްބަޔަކު އަނެއް ބަޔަކާ ދިމާއަށް ކިޔާފައިވާ އެއްޗެއްސަކީ ޕާކިސްތާންގެ އިންތިޚާބެއްގައި މިއަދާ ހަމައަށް އިވިގެން ދިޔަފަދަ ވާހަކަތަކެއް ނޫން ކަމަށް ޑޯން ނޫހުން ބުނެއެވެ.
މިއިން އެއް މިސާލަކީ ކަޝްމީރާއި ގިލްގިޓް ބޯލްޓިސްޓާންގެ ކަންކަމާ ޙަވާލުވެ ހުންނަވާ އިމްރާން ޚާން ޕާޓީގެ ވަޒީރު އަލީ އަމީން ގަންދާޕޫރުގެ މައްސަލައެވެ.
އިލެކްޝަންސް ކޮމިޝަނުން އެކުލަވާފައިވާ ގައިޑްލައިންއާ ޚިލާފްވެގެން ގަންދާޕޫރު ސަރަހައްދުން ބޭރުވެގެން ދިއުމަށް ކޮމިޝަނުން އެންގިއެވެ. އެހެންނަމަވެސް އޭނާ ދިޔައީ ފާޅުގައި ކެމްޕޭން ކުރައްވަމުންނެވެ. އަދި ކެމްޕޭންގައި އޭނާ ފައިސާ ބެއްސެވިކަމަށްވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.
ޑޯން ނޫހުން ސިފަ ކުރިގޮތުގައި ރައްޔިތުންނަށް މުހިންމުވާ މައްސަލަތަކުގައި ބަހުސް ކުރުމާ ޚިލާފަށް މުޅިންވެސް ތަގުރީރުތަކުގައި ވާހަކަ ދައްކާފައި ވަނީ އެއްބަޔަކު އަނެއްބަޔެއްގެ އަބުރާ ބެހުމުގެ ގޮތުންނެވެ.
ދާދިފަހުން ނަގާފައިވާ ގެލޮޕްގެ ޚިޔާލު ހޯދުމެއްގައިވެސް ބުނެފައި ވަނީ މި ސަރަހައްދުގެ މީހުންނަށް މުހިންމު ކަމަކީ ސާފު ބޯފެން ލިބުމާއި ކަރަންޓް ލިބުމާއި ސިއްޙީ ފަރިވާ ހަމަޖެހިފައި ހުރުމާއި ވަޒީފާއާއި ތަޢުލީމުގެ ފުރުސަތުތައް ފަހިވެފައި އޮތުމެވެ. އަދި ދިރިއުޅުމުގެ އަގުތައް މަތިވެގެން ދިއުމަކީ މިމީހުންގެ ވަރަށް ބޮޑު ނުތަނަވަސް ކަމެކެވެ. ތަހްރީކޭ އިންސާފު ޕާޓީން ކާމިޔާބު ކުރިނަމަވެސް މިއިން ކަމަކަށް ކަޝްމީރު އިންތިޚާބުގައި އަލިއަޅުވާފައެއް ނުވެއެވެ.