ށ. މިލަންދޫ ކެފޭއެއްގައި ކޮފީއެއް ބޯންއިންދާ ބޮލުގައި ހެލްމެޓް އަޅައި ސޭފުޓީ ބޫޓަށް އަރައި، ފުލޮރިޒެންޓް ރީނދޫ ޖެކެޓް ލައިގެން ދާ އަންހެނުންތަކެއް ފެނުނެއެވެ.

އެއީ އެރަށު މަގުހެދުމުގެ މަޝްރޫއުގައި ފިރިހެނުންނެކޭ އެއްފަދައިން މަސައްކަތްކުރާ އަންހުންނެވެ. އެފަދަ މަސައްކަތެއްގައި އަންހުން ހަރަކާތެރިވާތީ އެކަމާ ކޮންމެވެސް ވަރަކަށް ހައިރާންވިއެވެ. މިލަންދޫ ކަނބަލުންގެ ކުޅަދާނަ ކަމުންނެވެ. އެއީ މަސައްކަތު މާހައުލުގައި ފިރިހެނުންނަށް ދޫކުރާ ބައެއް ނޫނެވެ. އާރުޑީސީގެ މަގުހެދުމުގެ މަސައްކަތުގައި އުޅޭ އަންހެން މި ޓީމުގައި ދިހަ މީހުން ހަރަކާތްތެރިވެއެވެ. މިއީ މިލަންދުއަށް ނިސްބަތްވާ އަންހެނުންނެވެ. މީގެތެރޭގައި ހިމެނެނީ އުމުރުން ތިރީސް އަހަރާއި ފަސްދޮޅަސް ހަތަރު އަހަރާދެމެދުގެ އަންހެނުންނެވެ.

މަގުހެދުމުގެ މަސައްކަތުގައި ބައިވެރިވި ސަބަބު ކިޔައިދެމުން 63 އަހަރުގެ މުއުމިނާ ހުސައިން ބުނީ އާރުޑީސީގެ މަސައްކަތުގައި އުޅޭ ބޮޑުމީހާ އާ ބައްދަލުކޮށް ތިމަންނަމެނަށްވެސް މަސައްކަތެއް ދެއްވުމަށް އެދުނީކަމަށެވެ. " ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް މަގުހެދުން، ޢިމަރާތް ކުރުން ފަދަ އުމްރާނީ ތަރަށްގީގެ މަސައްކަތުގައި އަންހެނުން ހަރަކާތްތެރިވޭ، ވީމާ، އަހަރެމެނަށްވެސް ނުކުރެވޭންވީ ސަބަބެއް ނެތް" މުއުމިނާ ހުސެއިން ބުންޏެވެ.

މަގުހެދުމުގެ މަސައްކަތުގައި މިލަންދޫގައި ހަރަކާތްތެރިވާ އަންހެނުން ކުރާ މަސައްކަތްތަކަކީ ޕިކަޕަށް ހޮޅިތައް އެރުވުމާއި ހޮޅިތައް ވަޅުލުމުން ފަސްގަޑު އެއްވަރުކުރުމުގެ އިތުރަށް ތައްގަނޑުތައް އެތުރުމާއި އެތަކެތި ސާފުކޮށް ތެޔޮލާ ހެދުމެވެ. އަދި މަސައްކަތް ކުރާ ހޯލުތެރެ ސާފުކޮށް ކުނިކަހާ ހަދަނީވެސް މި އަންހެން ވެރިންނެވެ.

މި މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ހާމަކުރި ގޮތުގައި މިއީ އަންހެނުން ކުރަށް ހަމަ ރަނގަޅު މަސައްކަތެކެވެ. ރަނގަޅު އާމުދަނީއެއް ލިބޭ މަސައްކަތެކެވެ.

މި މަސައްކަތުގައި ހަރަކާތްތެރިވާ އެންމެ ދުވަސްވީ އެއްފަރާތް ކަމުގައިވާ މުއުމިނާ ހުސެއިން މި މަސައްކަތާއި ގުޅޭ ގޮތުން ކިޔައިދިނެވެ.. " އަހަރެމެންގެ ރަށުން ލޯ ލާރިއެއްވެސް ބޭރަށް ދާކަށް ނޭދެން، އަހަރެމެނަށް ކުރެވޭ މަސައްކަތް ބިދޭސީން ލައްވާ ކުރާކަށް ބޭނުމެއް ނޫން" މުއުމިނާ ހުސެއިން ބުންޏެވެ.

މިއީ ހަމަ ނަމޫނާ ކަނބަލުން ކޮޅެކެވެ. އަމިއްލަ އަތުން މަސައްކަތްކޮށްގެން ލިބޭ ފައިސާއިން ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބޭކަމަށް މަސައްކަތުގައި ހަރަކާތްތެރިވާ ޒުވާނަކު ބުންޏެވެ. އަންހެނުން ކުރާ މި މަސައްކަތަށް އާއިލާއިން އެއްބާރުލުން ދޭކަމީ މަސައްކަތުގައި ދެމިތިބުމަށް ލިބޭ ބާރެއް ކަމަށްވެސް އެމީހުން ބުންޏެވެ.

މިލަންދޫގެ ހިތްވަރުގަދަ މި ކަނބަލުން ދައްކައި މިދެނީ އަންހެނުންނަށް ވެސް މަސައްކަތުގެ މައިދާނުގައި ކުރެވިދާނެ ކަންކަމެވެ. ރަށުގެ ތަރަށްޤީއަށްޓަކައި ކުރާ މަސައްކަތުގައި ބައިވެރިވެވިދާނެކަމެވެ. އާންމުދަނީ ހޯދުމަށް ފިރިހެނުންނެކޭ އެއްގޮތަށް ތަފާތު މައިދާންތަކުގައި އަންހެނުންނަށްނަށް ވެސް ސާބިތުވެ ތިބެވިދާނެކަމެވެ. މިލަންދޫއިން މި ފެނުނު މަންޒަރުން ހިތަށް ފިނިކަން ލިބުނެވެ. އަންހެނުންގެ މި މަސައްކަތަށް ތަޢުރީފު ކުރެވުނެވެ. ހީވާގި އެ ކަނބަލުންނަށްޓަކައި ފަޚުރުވެރި ވަމެވެ.