ޕްލޭން ހަދަން ޖެހޭނީ ރައްޔިތުންގެ އަޑު އަހައިގެންކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މާލޭ ސިޓީގެ ތަރައްޤީގެ ޕްލޭން ހެދުމަށް ބާއްވާ ބައްދަލުވުންތަކުގެތެރެއިން ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން މޭޔަރ ވިދާޅުވީ މިބާވަތުގެ ކަންކަމުގައި ރައްޔިތުންގެ ޚިޔާލު ހޯދުން މިހާރު ގާނޫނުން މަތިކުރެވިފައިވަނީ ކައުންސިލްތަކާ ކަމަށެވެ. އެހެންކަމުން އެ ޚިޔާލު ހޯދަންޖެހޭނީ ކައުންސިލް މެދުވެރިކޮށްކަމަށެވެ.
މޭޔަރ ވިދާޅުވީ ރައްޔިތުންގެ އަޑު އަހައިގެން ކަންކަން ކުރުމުން އެކަމެއް އޮމާންކަމާއެކު ކުރިއަށް ގެންދެވޭނެކަމަށެވެ. މިހާރު ފެށުމަށް ތައްޔާރުވަމުންދާ ބްރިޖް ހެދުމުގެ މަސައްކަތް ރައްޔިތުންގެ ޚިޔާލަށް ހުށަހަޅާފައިނުވާކަމަށް ވިދާޅުވިއެވެ.
އެހެންކަމުން މި މަޝްރޫޢުގައި ވިލިމާލެއަށް އތުވެދާނެ ބަދަލަކާމެދު ރައްޔިތުންގެ ކަންބޮޑުވުން އޮތްކަން ހާމަކުރައްވައި، ޚާއްޞަގޮތެއްގައި ވިލިމާލޭ އިންޑަސްޓްރިއަލް ސަރަޙައްދަށް ވެދާނެ ގޮތެއްގެ ކަންބޮޑުވުން ރައްޔިތުންގެ ތެރޭގައި އޮތްކަމަށް ވިދާޅުވިއެވެ.
ރޭގެ ބައްދަލަވުމުގައި ބައިވެރިވެ ވަޑައިގެންނެވި ބައެއް ބޭފުޅުންގެ ވާހަކައިންވެސް ވިލިމާލެއަށް އަތުވެދާނެ ބަދަލަކާމެދު ކަންބޮޑުވުން ހުރިކަން ހާމަވެގެން ދިޔައެވެ.