އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ފައިޒާ ވެކްސިން ހަދިޔާކޮށްފި އެވެ.

ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، އެމެރިކާއިން ދިވެހިރާއްޖެއަށް ހަދިޔާކޮށްފައިވަނީ 128،700 (އެއްލައްކަ އަށާވީސް ހާސް ހަތް ސަތޭކަ) ޑޯޒްގެ ފައިޒާ ވެކްސިނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި މިއަދު މެންދުރު އޮތް ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ވެކްސިންއާ ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ހެލްތު އަހުމަދު ނަސީމް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނަސީމް ވަނީ މުޅި ދުނިޔޭގެ އާބާދީއަށް ވެކްސިން ފޯރުކޮށްދިނުމަށް އެމެރިކާއިން އިސްނަގައިގެން ކުރަމުންދާ މަސައްކަތަށް ތައުރީފުކުރައްވައި އެމެރިކާއިން ވެކްސިން އެންމެ ފުރަތަމަ ފޮނުވާ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުއްވީތީ އެމެރިކާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި ފައިޒާ ވެކްސިން ލިބުމުން، އުމުރުން 12 އަހަރާއި 18 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ވެކްސިން ދޭން ފެށޭނެކަން މިނިސްޓަރު ނަސީމް ފާހަގަކުރެއްވިއެވެ.