ހެލްތު މިނިސްޓަރު ކަމުގެ މަޤާމަށް މިއަދު އައްޔަން ކުރެއްވި، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރު ކެރަފާ އަހްމަދު ނަސީމް އެމަގާމުގައި ތަފާތު ދައްކަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ، ނަސީމު މިނިސްޓަރުކަމަށް އައްޔަން ކުރެއްވުމާ ގުޅިގެން މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ނުހަނު ބޮޑަށް ހިންގުންތެރި ތަޖުރިބާހުރި ބޭފުޅެއް ބޭނުންވެފައިވާ މިދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އެމަގާމަށް ނަސީމު އަައްޔަން ކުރެއްވުމަށް ނިންމެވި ނިންމެވުމަކީ ވަރަށްވެސް ފުރިހަމަ ނިންމުމެއް ކަމަށެވެ. އަދި މިނިސްޓަރު ނަސީމް ތަފާތު ދައްކަވާނެކަން ޔަގީން ކަމުގައި ނަޝީދު ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރު ކަމުގެ މަގާމަށް ނަސީމު އައްޔަން ކުރެއްވީ، ކޮވިޑް 19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައްް ގަތުމުގެ ހިނގާފައިވާ ގޯސްތަކާ ގުޅިގެން ކުރިން ހުންނެވި ހެލްތު މިނިސްޓަރު އަބުދުﷲ އަމީން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.