ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށްޓަކައި ކަސްރަތުކުރުން ވަރަށް މުހިއްމެވެ. ޚާއްޞަކޮށް ބޮޑެތި ބަލިތަކުން ރައްކާތެރިވުމަށް ކަސްރަތު ކުރަންޖެހެއެވެ. މިގޮތަށް ކަސްރަތު ކުރުމުގައި މާގިނަ ވަގުތު ހޭދަކުރާކަށް ނުޖެއެވެ. ހަފުތާއަކު އެންމެ ދެގަޑިއިރު ކަސްރަތުކޮށްލުމުން ހީނުކުރާފަދަ އެތައް ފައިދާތަކެއް ހަށިގަނޑަށް ލިބިދެއެވެ.

ޑަބުލިޔުއެޗްއޯއާއި އެމެރިކާގެ ހާޓް އެސޯސިއޭޝަނުން ހާމަކޮށްފައިވާ ގޮތުގައި ހަފުތާއަކު 150 މިނެޓް (ގަޑިއރު) ގެ ކަސްރަތުންވެސް ބޮޑު މީހެއްގެ ހަށިގަނޑަށް އެތައްގުނަ ފައިދާތަކެއް ލިބޭނެއެވެ. މި ކަސްރަތުތަކުގެތެރޭގައި ހިނގުން، ދުވުން، ބައިސްކަލު ދުއްވުން ފަދަ ހަށިގަނޑުން ދާހިއްލާ ފަދަ ކަސްރަތު ހިމެނެއެވެ.

ބޮޑުމީހަކު ދާހިއްލާ މިފަދަ ކަސްރަތުތަކަށް ހަފުތާއަކު 2ގަޑި އިރު ހޭދަކުރާނަމަ، ހިތުގެ ބަލިތަކާއި ލޭމައްޗަށް ދިއުމާއި ސްޓްރޯކް ޖެހުމާއި ހަކުރު ބަލި އަދި އުރަމަތީ ކެންސަރުފަދަ ބަލިތަކާ ދުރުކޮށްދެއެވެ. މިކަން ހާމަކޮށްފައިވަނީ ވިމެން ހެލްތް އެންޑް ރިސާޗް ޔުނިވާސިޓީ އޮފް ކްލޮރިޑާ ސްކޫލް އިން މެޑިސިން އިން ނެރުރުނު ރިޕޯޓެއްގައެވެ.

މި ރިޕޯޓުގައި ހާމަކޮށްފައިވާގޮތުގައި ހިނގުންފަދަ ކަސްރަތުތައް ކުރުމުން ރޭގަނޑު ރަނގަޅަން ނުނިދުމުން ލިބޭ ވަރުބަލިކަމާއި ވަޅޯކަމުން ދުރުކޮށްދެއެވެ.

އެހެންނަމަވެސް މާ ގިނަވަގުތު ކަސްރަތު ކުރުމުގައި ހޭދަކޮށްފިނަމަ، ހަށިގަނޑަށް ގެއްލުން ލިބޭކަމަށް މި ރިޕޯޓްގައި ވެއެވެ. މިގޮތުން ހަފުތާއަކު 2ގަޑިއިރު ކަސްރަތު ކުރާ މީހަކަށްވުރެ ހަފުތާއަކު ހަގަޑިއިރު ކަސްރަތު ކުރާ މީހުން މާ ބޮޑަށް ހާސްވުމާއި ކަންބޮޑުވުމަށް ހުށައެޅޭކަމަށް މި ރިޕޯޓުގައި ވެއެވެ.

އެހެންކަމުން ކަސްރަތުކުރުމުގައި ވަގުތަކީ ވަރަށް މުހިއްމު އެއްޗެކެވެ. އަވަހަށް ނަތީޖާ ހޯދުމަށްޓަކައި ގިނަ ވަގުތު ކަސްރަތު ކުރުމުން ހަށިގަނނަޑަށް އިތުރު ގެއްލުންތަކެއް ލިބިދާނެކަން މި ރިޕޯޓުން އެނގިގެންދެއެވެ. އަދި ކަސްރަތުކުރުމުގައި ހަށިގަނޑުން ދާ އޮހުރުމަކީވެސް މުހިއްމުކަމެކެވެ. ހިނގިޔަސް އަދި ދުވިޔަސް ހަށިގަނޑުން ދާ އޮހެރޭވަރަށް އެ ކަސްރަތެއް ކުރަން ޖެހެއެވެ. އެކމަށް މާ ގިަނަވަގުތު ހޭދަކުރާކަށް ނުޖެހެއެވެ. ހަފްތާއަކު ދެގަޑި އިރަކީ ގާތްގަނޑަކަށް ދުވާލަކު 17 ވަރަކަށް މިނެޓެވެ. ކިތަންމެ ބުރަކޮށް އުޅޭމީހަކަށްވެސް މިހާ ކުޑަވަގުތު ކޮޅެއް އަމިއްލަ ޞިއްޙަތަށް ހޭދަކުރޭވެނެކަން ކަށަވަރެވެ. ތިމާގެ ހަށިހަގނޑު ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށްޓަކައެވެ. ދާއިމީ ބައްޔަކަށް ހުށަ އެޅުނަ ނުދިނުމަށްޓަކައެވެ.