ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް އަލްއުސްތާޛާ މަރްޔަމް ރިޝްފާ މިއަދު ޢައްޔަން ކުރައްވައިފިއެވެ.

އަލްއުސްތާޛާ މަރްޔަމް ރިޝްފާ މަޤާމަށް ޢައްޔަން ކުރެއްވީ މިއަދު މެންދުރުފަހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ޙާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އަލްއުސްތާޛާ މަރްޔަމް ރިޝްފާ ވަނީ، ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޝުއައިބް ޙުސައިން ޒަކަރިއްޔާ ކުރިފުޅުމަތީގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވައި ކުރައްވާފައެވެ. އަދި، މަގާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެބޭފުޅާއާއި ހަވާލުކުރައްވާފައެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް މިއަދު ޢައްޔަނު ކުރެއްވި އަލްއުސްތާޛާ މަރްޔަމް ރިޝްފާ މީގެކުރިންވެސް ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަން 2016 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރަށް އަދާކުރައްވާފައެވެ. އަދި، ޕާރޓް-ޓައިމް ލެކްޗަރަރއެއްގެ ގޮތުގައި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގައި ޙަރަކާތްތެރިވެ ވަޑައިގެންފައިވެއެވެ.

އަލްއުސްތާޛާ މަރްޔަމް ރިޝްފާ ވަނީ ވިލާ ކޮލެޖްއިން މާސްޓަރ އޮފް ޝަރީއަރ ޙާޞިލުކުރައްވާފައެވެ. އޭގެ އިތުރުން އެބޭފުޅާ ވަނީ ވިލާ ކޮލެޖްއިން ބެޗްލަރ އޮފް ޝަރީއަރ އެންޑް ލޯ ވެސް ޙާޞިލްކުރައްވާފައެވެ.