ފުލުހުން ހަތިޔާރު ހޯދުމާއި ގެންގުޅުމާއި ބޭނުންކުރުމާ ބެހޭ ގަވާއިދު ގެޒެޓުކޮށް އެއަށް އަމަލު ކުރަން ފަށައިފިއެވެ.

މި ގަވާއިދުގައި ބުނެފައިވާ ގޮތުން ފުލުހުންނަށް ހޯދާނީ، އިންސާނާއަށް ގެއްލުން ކުޑަ ހަތިޔާރެވެ. އަދި މިއީ ހުޅުވިފައިވާ ޑިމޮކްރެޓިކް ގައުމުތަކުގައި ފުލުހުން ބޭނުންކުރާ ބާވަތުގެ ހަތިޔާރަކަށް ވާން ޖެހޭނެއެވެ. މި ގަވާއިދުގައި ހަތިޔާރު އެތެރެކުރުމާއި ބޭހޭގޮތުންނާއި އަދި އެތެރެ ކުރާ ހަތިޔާރުގެ ވައްތަރުތައްވެސް ކަނޑައަޅާފައި ވެއެވެ. އެގޮތުން އެތެރެކުރާ ހަތިޔާރަކީ ފަޔަރ އާރމްސްގެ ތެރޭގައި ނުހިމެނޭ އަދި ގޮވާޒާތުގެ ބާވަތެއްގައި ގިންތި ނުކުރެވޭ ހަތިޔާރަކަށް ވާން ޖެހެއެވެ. މި ގަވާއިދުގެ ދަށުން އެތެރެކުރާ ހަތިޔާރަށް ފުލުހުން އަހުލުވެރިކުރުމަށްޓަކައި ތަމްރީންތައް ބާއްވަން ޖެހެއެވެ. އަދި ގަވާއިދު ގެޒެޓު ކުރާތާ 60 ދުވަސް ތެރޭގައި އެކިއެކި ހާލަތްތަކުގައި ހަތިޔާރު ބޭނުންކުރާނެ ގޮތް ބަޔާންކުރާ އަތްމަތީ ފޮތެއްވެސް އެކުލަވާލުމަށް އަންގާފައި ވެއެވެ. މި 60 ދުވަސް ހަމަވާނީ 7 އޮގަސްޓުން ފެށިގެންނެވެ.

މި ގަވާއިދުން ފުލުހުންނަށް ބޭނުންކުރުމަށް ހުއްދަ ކޮށްފައި ވަނީ ދެ ވައްތަރެއްގެ ހަތިޔާރެކެވެ. އެއީ، އިސް ސަފުގައި ހަރަކާތްތެރިވާ ފުލުހުން ބޭނުންކުރާ ބާވަތުގެ ހަތިޔާރާއި، ޚާއްސަ މަސައްކަތުގައި އުޅޭ ޓީމުތަކުން ބޭނުންކުރާ ބާވަތުގެ ހަތިޔާރެވެ. މީހުންގެ މޫނަށް ޖަހާ ދިލަނަގާ ޒާތުގެ ސްޕްރޭއާއި މުގުރު ހިމެނެނީ އިސް ސަފުގައި މަސައްކަތް ކުރާ ފުލުހުން ބޭނުން ކުރާ ހަތިޔާރުގެ ތެރޭގައެވެ. އަދި ޓީޒާ ގަން ފަދަ ކަރަނޓުން ޝޮކް ދޭ ބާވަތުގެ ހަތިޔާރާއި ދޮރުވައްޓާލާ އާލާތާއި ގަދަ އައްޔާއި އަޑުގަދަ އާލާތްތައް ހިމެނޭނީ ޚާއްސަ މަސައްކަތުގައި ޓީމުތަކުން ބޭނުންކުރާ ހަތިޔާރުގެ ތެރޭގައެވެ.

ގަވާއިދު ބުނާ ގޮތުން ހަތިޔާރެއް ހަވާލުކުރަން ޖެހޭނީ އެކަމަށް ގާބިލު ތަމްރީނެއް ލިބިފައިވާ މީހަކާއެވެ. އަދި ތަމްރީނު ބޭނުންތަކާއި އާންމުކޮށް ގެންގުޅުން ފިޔަވައި، އެހެން ބޭނުމަކަށް ހަތިޔާރު ނަގަން ޖެހޭނީ ގާނޫނީ ގޮތުން އެފަދަ ބޭނުމެއް އޮތް ހާލަތެއްގައެވެ. އަދި މިނޫން ގޮތަކަށް މީހަކާ ދިމާއަށް ހަތިޔާރު ދިއްކުރުމަކީ މަނާ ކަމެކެވެ. ހަތިޔާރު ބޭނުންކުރާނެ ހަމަތައް ބަޔާން ކުރާ އުސޫލު، މި ގަވާއިދަށް އަމަލުކުރަން ފަށާތާ ތިން މަސް ތެރޭގައި އެކުލަވާލުމަށް ބުނެފައި ވެއެވެ. ހަތިޔާރެއް ބޭނުން ކުރުމުގެ ކުރިން އަމާޒުކުރެވޭ ފަރާތަށް އިންޒާރު ދިނުމަށްވެސް ގަވާއިދުގައި ލާޒިމުކޮށްފައި ވެއެވެ. އަދި އިންޒާރު ދޭނެ ގޮތްތައްވެސް ތަފުސީލުކޮށްފައި ވެއެވެ.

ހަތިޔާރެއް ބޭނުންކޮށްގެން މައްސަލައެއް ދިމާވާ ހިނދު އެކަމެއް ބެލުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ކޮމިޓީއެއްވެސް އޮވެއެވެ. މިކޮމިޓީއަށް ހަތިޔާރު ބޭނުން ކުރި މީހާ ޖަވާބުދާރީ ވާން ޖެހެއެވެ. މި ކޮމިޓީން މައްސަލަ ބަލައި ލަފާ ދެނީ ކޮމިޝަނަރ އޮފް ޕޮލިހަށާއި ޑިސިޕްލިނަރީ ބޯޑަށެވެ. ގަވާއިދުގައި އޮތް ގޮތުން މި ކޮމިޓީއަށް ދެވޭނީ ހަމައެކަނި ލަފައެކެވެ. މި ލަފާދޭ ކޮމިޓީއަކީ ކޮމިޝަނަރ އޮފް ޕޮލިސްގެ ދަށުގައި އޮންނަ ކޮމިޓީއެކެވެ. ގަވާއިދު ބުނާ ގޮތުން ތިން ހާލަތެއްގައި އެއްގޮތަކަށްވެސް ހަތިޔާރު ބޭނުމެއް ނުކުރެވޭނެއެވެ. އެއީ، މީހަކަށް ބިރު ދެއްކުމުގެ ގޮތުންނާއި، ބުއްދި ފިލާފައިވާ މީހަކާ ދިމާއަށާއި، މީހަކު ބިޑިއަޅުވާފައިވާ ހާލަތެއްގައެވެ.

ހަތިޔާރެއް ބޭނުންކޮށްގެން މީހަކަށް ފަރުވާއެއް ދޭން ވެއްޖެނަމަ އެކަން ކުރުމަށްވެސް ފުލުހުންގެ މައްޗަށް ލާޒިމުކޮށްފައި ވެއެވެ. ފާއިތުވި ތަނުގައި ކަރުނަ ގޭސް ގަދައަށް ޖަހައިފައިވާ ނޫސްވެރިންނާއި އާންމުންނަށް ފަރުވާދީފައި ނުވާ މައްސަލައަށް މިމާއްދާއިން ހައްލެއް ލިބެއެވެ. މުގުރު ބޭނުންކުރުމުގެ ހަމަތައް ބަޔާންކުރާ މާއްދާގައި ފުރަތަމައަށް ހަށިގަނޑުގެ މަސްތައް ގިނަ ހިސާބުގައި މުގުރު ބޭނުންކުރުމަށް އަންގާފައި ވެއެވެ. އެއަށްފަހު ހުޅުހުޅުގައެވެ.

އެއްވެސް ހަތިޔާރެއް ބޭނުންކޮށްފިނަމަ، އެ ބޭނުންކުރި ހަތިޔަރާ ގުޅޭ ރިޕޯޓެއް ޑިއުޓީއެއް ނިމުމުގެ ކުރިން އެކުލަވާލުމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައި ވެއެވެ. ހަތިޔާރު ބޭނުން ކުރި ގޮތްތަކާ ބެހޭ އަހަރީ ރިޕޯޓެއް އެކުލަވާލުމަށްވެސް މި ގަވާއިދު ލާޒިމުކޮށްފައި ވެއެވެ. މިގަވާއިދުގެ ދަށުން އެކުލަވާލާ ރިޕޯޓްތަކަކީ ސިއްރު ރިޕޯޓުތަކެއް ކަމަށް ބަޔާންކޮށްފައެއް ނުވެއެވެ. 24 މާއްދާގެ މައްޗަށް އެކުލެވޭ މި ގަވާއިދަކީ، ފުލުހުންގެ މަސައްކަތް ރިފޯމު ކުރުމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއްކަމަށް ގަބޫލު ކުރެވެއެވެ.