އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ސްކޫލް ކުދިންނަށާއި، ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ އާއްމުންނަށް ފައިޒަރ ވެކްސިން ޖެހުމުގެ މަސައްކަތް ފަށައިފިއެވެ.

ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާގެ އެހީގައި 128،600 ޑޯޒް ފައިޒާ ވެކްސިން މިމަހުގެ 9 ވަނަ ދުވަހު ވަނީ ރާއްޖެ ގެނެސްފައެވެ. އެޑިޔުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި ގާތްގަނޑަކަށް 40000 ދަރިވަރުންނަށް ކޮވިޑް ވެކްސިން ޖެހޭނެ އެވެ.

ފައިޒަ ވެކްސިނަކީ އުމުރުން 12 އަހަރުން މަތީގެ މީހުންނަށް ޖެހުމަށް ހުއްދަ ލިބިފައިވާ ވެކްސިނެއްކަމުން، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ސްކޫލް ދަރިވަރުން ހިމެނޭހެން ޖުމްލަ 5 ގްރޫޕެއްގެ ބަޔަކަށް މި ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.

ސްކޫލްތަކުގެ ވެކްސިން ޕްރޮގްރާމް މިއަދު ކުރިއަށްދާއިރު ވެކްސިން އެންމެ ފުރަތަމަ ޖަހަން ފަށާފައި ވަނީ ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލްގެ ދަރިވަރުންނަށެވެ. އެކުދިން ވެކްސިން ޖަހަމުން ދަނީ ރެހެންދީ ސްކޫލް ވެކްސިން ސެންޓަރުގަ އެވެ.