ހދ. ނޭކުރެންދޫގައި ޕްރިޕެއަރިންގް އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނާޖީ ޑިވޮލޮޕްމެންޓު( ޕޮއިސްޓު ) ޕްރޮޖެކްޓުގެ ދަށުން ސޯލާ ޕީވީ ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އޭޝިއަން ޑިޕޮވޮލޮޕްމެންޓު ބޭންކްގެ އެހީއާއެކު އެންވަޔަރަމެންޓް މިނިސްޓްރީއާ ގުޅިގެން ހިންގާ އެ ޕްރޮޖެކްޓްގެ އަމާޒަކީ ސޯލާ އާއި ޑީސަލްގެ ހައިބްރިޑް ޕަވާ ޖެނެރޭޝަން ސިސްޓަމެއް ތައާރަފުކޮށް، ޑީސަލް ބޭނުންކޮށްގެން އުފައްދާ ހަކަތައަށް ބަރޯސާވުން ކުޑަ ކުރުމެވެ.

އެ ޕްރޮޖެކްޓުގެ ދަށުން ނޭކުރެންދޫގައި ހަރުކުރާނީ 116 ކިލޯވޮޓް ޕީކްގެ ސޯލާ ޕީވީއެވެ. އަދި އެރަށުގައި ހަކަތަ އުފެއްދުމަށް މިހާރު ބޭނުންކުރާ ސިސްޓަމްއާ ގުޅާލުމުން ސޯލާ-ޑީސަލް ހައިބްރިޑް ސިސްޓަމެއް އެ ރަށުގައި ގާއިމުވާނެ އެވެ.

ފެނަކަ އިން ބުނީ އެެ ސިސްޓަމް ގާއިމުކޮށް ނިމުމުން ކަރަންޓު ދިނުމަށް އެ ކުންފުނިން ތެލަށް ކުރާ ހަރަދުން ކޮންމެ އަހަރަކު 11 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ. އަދި ހަކަތަ އުފެއްދުމުގެ ތެރެއިން ޖައްވަށް ބޭރުވާ ކާބަންޑައިއޮކްސައިޑުގެ މިންވަރު ހަތަރު ޓަނު މަދުކުރެވޭނެ ކަމަށް ބުންޏެވެ.

އެ ޕްރޮޖެކްޓުގެ ދަށުން މިހާރު ކުރިއަށްދާ މަރުހަލާގައި ހދ. އަތޮޅުގެ ރަށްރަށުގައި އިތުރުވެފައިވާ ޑިމާންޑާ އެއްވަރަށް ހިދުމަތް ފޯރުކޮށްދިނުމަށް 3.5 މެގަވޮޓުގެ ސޯލާ ސިސްޓަމް ހަރުކުރާނެ އެވެ. އަދި ސަރުކާރުގެ ސްޓްރެޓިޖިކް އެކަޝަން ޕްލޭނާ އެއް ގޮތަށް، ފެނަކައިގެ އަމާޒަކީ އުފައްދާ ހަކަތައިގެ 70 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމެވެ.