ޗައިނާއިން ޓިބެޓްގެ ގިނަ ބަޔަކު ހައްޔަރުކޮށްގެން އުޅޭ ކަމަށް ޓިބެޓް ވޮޗް ޖަމުއިއްޔާއިން ބުނެފިއެވެ. ޗައިނާ ފުލުހުން ހައްޔަރުކުރީ ޖުމުލަ 110 މީހުންނެވެ. މިމީހުން ހައްޔަރުކޮށްފައި ވަނީ އަސް ދުއްވުމާ ބެހޭ ރޭހެއްގެ ވީޑިއޯތަކެއް ޝެއަރކުރުމުގެ ތުހުމަތުގައި ކަމަށް ވެއެވެ.
ޓިބެޓް ވޮޗްއިން ބުނާ ގޮތުން މިއިން 80 މީހުން ވަނީ ޖުރިމާނާ ދެއްކުމަށްފަހު މިނިވަން ކޮށްފައެވެ. އިތުރު 30 މީހުންގެ ވާނުވާ އަދި ނޭނގޭ ކަމަށެވެ.
މި ހާދިސާ ހިނގާފައިވާ ހިސާބުގެ މީހުން ކިޔައިދިން ގޮތުގައި އަވަށުގެ އިސް މަސްއޫލުވެރިން ހެނދުނު 9.30ގައި ރައްޔިތުންނާ ބައްދަލުކުރަން އެދުނެވެ. އަދި މި ބައްދަލުވުމަށް އައި މީހުންގެ ފޯނުތައް މޭޒެއްގެ މަތީގައި ބެހެއްޓުމަށް އެދުނެވެ. އެއަށްފަހު މީހުންގެ ފޯނު ފާސްކުރުމުގެ މަސައްކަތް ފެށުނީއެވެ.
މި ތަނަށް ދިޔަ 11 ފުލުހުން މީހުންގެ ނަންތައް އިއްވައި އެމީހުން ޕޮލިސް ސްޓޭޝަނަށް ދާން އެދުނު ކަމަށްވެސް ޓިބެޓް ވޮޗްއިން ބުނެއެވެ. ޖުރިމާނާ ކުރި މީހުން ޖުރިމާނާ ކޮށްފައި ވަނީ ފަސްހާސް ޔުއޭން އިންނެނެވެ. މިއީ ގާތްގަނޑަކަށް ދިހަ ހާސް ދިވެހި ރުފޔާއެވެ.
މި އަސް ދުއްވުމުގެ ރޭހަކީ، ޗައިނާ މަސްއޫލުވެރިން މުނާސަބާއަކަށް ތައްޔާރުވާންވެގެން ބޭއްވި ރޭހެކެވެ. މި ރޭހުގެ ފޮޓޯއާއި ވީޑިއޯ ނަގައިފިނަމަ ޖުރިމާނާ ކުރާނެ ކަމަށް ކުރިން އޮތީ އިންޒާރުކޮށްފައެވެ.
ޓިބެޓް ވޮޗްއަކީ، ޓިބެޓްގެ މީހުންގެ ހައްގުތައް ހިމާޔަތް ކުރާ ޖަމާއަތެކެވެ. 1950ގައި ޗައިނާއިން ޓިބެޓަށް ސިފައިން ފޮނުވައިގެން ޓިބެޓް ހިފި ހިފުމަކީ މި ޖަމާއަތުން ގަބޫލުކުރާ ކަމެއް ނޫނެވެ. ޓިބެޓްގެ ދޮޅު ލައްކައެއްހާ މީހުން ސިޔާސީ ޙިމާޔަތުގައި ބޭރުގައި ދިރިއުޅެއެވެ.