ސްރީލަންކާގެ ޒަމާނީ ތާރީޚްގައި ފުރަތަމަ ފަހަރަށް އެގައުމުގެ މާލީ ސިޔާސަތާއި އިގްތިސާދީ ސިޔާސަތާއި ދިފާއީ ކަންކަން ނިންމުމުގެ ބާރު، އެއްބަނޑު އެއްބަފާ ތިން ބެއިންގެ އަތް މައްޗަށް ފުރޮޅިގެން ދިޔައީ މިއަދު ސިންގާސަނާގައި ތިއްބެވި ޚާންދާން ވެރިކަމަށް އައިސްގެންނެވެ. ރާޖާޕަކްސަ ވަންހައިގެ ތިން ބެއިން، ބެސިލްއާއި ގޯތާބަޔާއާއި މަހިންދައަކީ ދެކުނު އޭޝިއާގައި މިހާރު ފެންނާން އޮތް އެންމެ ނުފޫޒުގަދަ އާއިލާއެވެ. ހެޔޮ ރަހުމަތަކަށް ވެއްޖެނަމަ ކިތަންމެހާވެސް ރަނގަޅެވެ! އެކަމަކު އެހެން ވޭ ހެއްޔެވެ؟

އިތުރު ރާޖާޕަކްސަ ފަސް ބޭކަލަކާއެކު، ރާޖާޕަކްސަ ވަންހައިގެ، ޖުމުލަ އަށް ބޭކަލަކު، ސްރީލަންކާގެ ދިދަ ޖެހި މަގާމުތަކުގައި އެބަ ތިއްބެވެ. އެހެންވެ، މިއީ ދުނިޔޭގައިވެސް މިވަގުތު އޮތް އެންމެ ފުޅާ ސިޔާސީ ޚާންދާނެވެ.

ސިޔާސީ ޚާންދާންތަކަކީ ދެކުނު އޭޝިއާއަށް ބީރައްޓެހި ސަގާފަތެއް ނޫނެވެ. އެންމެ ބޮޑު ގައުމުން އެންމެ ކުޑަ ގައުމުގައިވެސް މިކަން އަށަގެންފައި ވެއެވެ. ނަމަވެސް ޚާންދާންގެ ފައިއިނދޭފުރައިން ކޮންމެ މީހަކަށް ދިދަ ނުޖަހާ މަގާމަކާއި ދިދަޖެހި މަގާމެއް ދިނުމަކީ ސަރަހައްދުގައި ދިވެހިރާއްޖެ ފިޔަވައި އެހެން ތަނެއްގައި ބަޔަކަށް ކުރާން ކެރުނު ކަމެއް ނޫނެވެ.

ރާޖާޕަކްސަ ވަންހައިން ވަނީ ސްރީލަންކާގެ ޑިމޮކްރެޓިކް ސަގާފަތާ ފެއަށް ޖެހިފައެވެ. މިމީހުން ދަނީ ޑިމޮކްރެޓިކް ނޫން މޮޑެލްތަކަށް ގަޔާވަމުންނެވެ. ވެރިކަމުގައި ސީރާވާން ވެގެންނެވެ. ސިޔާސީ މައިދާނުގައި ދެމިތިބެން ބޭނުންނަމަ ފައިސާއާއި ނުފޫޒަކީ ބޭނުންވާނެ ދެ ވަސީލަތެވެ. ޑިމޮކްރެސީއަކުން މި ދެވަސީލަތެއް ހޯދަން ފަސޭހައެއް ނުވާނެއެވެ. މިފަދަ މާހައުލެއްގައި ފައިދާ ނަގާނީ ހަމަ ޚުދުމުޚުތާރު އެޖެންޑާއެއްގެ ވެރިންނެވެ. އެމީހުންގެ މަގްސަދުތައް ހާސިލުކުރުމަށް މިކަމުން ފަހި ވެގެންދާނެއެވެ.

ސްރީލަންކާގެ ނިޒާމު ދެމެހެއްޓުމަށްޓަކައި ބޭރުން ތާއީދުދޭ ފަރާތަކީ ބެއިޖިންގގެ ކޮމިއުނިސްޓް ނިޒާމެވެ. ޗައިނާ ކޮމިއުނިސްޓް ޕާޓީގެ ތަރައްގީގެ މޮޑެލްއަކީ ސްރީލަންކާގެ ރާޖާޕަކްސަ ވަންހަ ގަޔާވާފަދަ މޮޑެލްއެކެވެ. ސްރީލަންކާގައި ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން ޗައިނާއިން ކޮށްފައިވާ އިންވެސްޓްމެންޓްތަކާއި ދީފައިވާ ލޯނުތައް މިކަމުގެ ހެއްކަކަށް ފުދެއެވެ.

ރާޖާޕަކްސަ ވަންހައިން ސްރީލަންކާގެ ސިޔާސީ މައިދާނުގައި މުއްދަތަކަށް ދެމިތިބޭނެއެވެ. އަދި މިމީހުން ދެމި ތިބުމަށް މިއިންވެސްޓްމެންޓްތަކުން މަގު ކޮށައި ދޭނެއެވެ.

ސްރީލަންކާއިން ވަނީ ދިގު މުއްދަތުގެ މަންފާއަށް ފަރުވާލެއް ނުބަހައްޓައި ޗައިނާގެ އުމްރާނީ ތަރައްގީގެ އަވައިގައި ޖެހިފައެވެ.

ސްރީލަންކާގައި ހިންގާ ޗައިނާގެ ދަރަނީގެ މަޅިފަތި އެންމެ ރަނގަޅަށް ސިފަ ކޮށްދެއްވީ ޖޮނަތަން ހިލްމަން އެވެ. 'ދަ އެމްޕެރަޒް ނިއު ރޯޑް' ފޮތުގައި އޭނާ ލިޔުއްވާފައި ވަނީ "(ސްރީލަންކާއަށް ޓަކައި) ޗައިނާގެ ދަރަންޏަކީ ސިގެރޭޓް ކަމަށްވަނީނަމަ، ހަމްބަންޓޯޓާ ބަނދަރަކީ، ސިގިރޭޓް ފޮށީގެ ބޭރުގައި ޖަހާފައި ހުންނަ ކެންސަރު ޖެހިފައިވާ ފުއްޕާމޭގެ ކުރެހުމެވެ!"