ތާލިބާން ކާބުލް އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެންދިއުމުގެ ސަބަބުން އަފްޣާނިސްތާންގެ އަންހެން ނޫސްވެރިން ބުނާ ގޮތުން އެމީހުންގެ މަސައްކަތަށް ވަނީ ހިމޭންކަން ވެރިވެފައެވެ. އިނގިރޭސި ގާރޑިއަން ނޫހާ ވާހަކަ ދެއްކި ގިނަ އަންހެން ނޫސްވެރިން ބުނިގޮތުގައި އަންހެނުންނަށް ހަމަހަމަ ކަން ލިބިގެން ނުވާނެކަމަށް ދެކޭ މީހުންގެ ފަރާތުން އަބަދުވެސް މަރުގެ އިންޒާރު ލިބެމުން ދެއެވެ.

އަޔަރލެންޑުން ވަނީ އަފްޣާނިސްތާންގެ އަންހެނުންނާއި ކުޑަކުދިންނާއި އަދި އަނެހެން ނޫސްވެރިންނަށް ރެފިއުޖީ ވިސާ ދިނުމަށް ނިންމާފައެވެ. އިނގިރޭސިވިލާތުންވެސް ބުނެފައި ވަނީ ރެފިއުޖީ ވިސާދިނުމުގައި އަންހެނުންނާއި އަންހެން ކުދިންނަށް އިސްކަން ދޭނެ ކަމަށެވެ.

އޮސްޓްރޭލިއާގެ ނޫސްވެރިންގެ ޖަމުއިއްޔާއިން އޮސްޓްރޭލިއާ ސަރުކާރަށް ގޮވާލާފައި ވަނީ ތާލިބާނުންގެ އަނިޔާތަކުން އަފްޣާން އަންހެން ނޫސްވެރިން ރައްކާތެރިކޮށް ދިނުމަށެވެ. އަދި މިމީހުންގެ ރައްކާތެރިކަން ކަށަވަރު ނުކުރެވެނީނަމަ، އަފްޣާނިސްތާންގައި އޮސްޓްރޭލިއާއިން ކުރިއަށް ގެންދިޔަ އަސްކަރީ މިޝަން ފުރިހަމަ ވީކަމުގައި ނުބެލެވޭނެކަމަށެވެ.

ކާބުލްގެ އަވަށްތަކަށް ޒިޔާރަތްކޮށް މީޑިއާގައި އުޅޭ އަންހެނުން ދިރިއުޅޭ ގެތައް ހޯދައި އޮޅުފިލުވަމުންދާ ކަމަށްވެސް އަފްޣާން އަންހެން ނޫސްވެރިން މައުލޫމާތު ދެމުން ދެއެވެ.

އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ޖަރނަލިސްޓު ޖަމުއިއްޔާއިންވެސް ވަނީ އަފްޣާނިސްތާން ނޫސްވެރިންގެ ތާއީދުގައި ކެމްޕޭނެއް ފަށާފައެވެ. އަދި އިންޓަރނޭޝަނަލް ވިމެންސް މީޑިއާ ފައުންޑޭޝަނުން ވަނީ އަންހެން ނޫސްވެރިންނަށް އެހީވުމުގެ ގޮތުން ކެމްޕެއިނެއް ފަށާފައެވެ.