ޕާކިސްތާންގެ ހައްދުފަހަނައަޅާފައިވާ ޖަމާއަތެއްގެ މީހަކު ވަނީ ލާހޯރުގައި ހުރި މަހާރާޖާ ރަންޖީތު ސިންގގެ ބުދު، މިއަދު ތަޅާލާފައެވެ. ޕާކިސްތާނަށް އަންނާން އޮތް ދުވަސްތަކުގައި ލައިގަންނާން އޮތް ހަރުކަށި އަމަލުތައް މިއަދުން ފެށިގެން ކުރިމަތިވާން ފެށީހެން ހީވެއެވެ.

ތަހުރީކޭ ލައްބައިކަ ޔާރަސޫލުﷲ، ބުރޭލްވީ ޖަމާއަތުގެ ހައްދުފަހަނައަޅާފައިވާ މީހާގެ މިއަމަލު ޕާކިސްތާނުން ކުށްވެރިކުރީ އެންމެ ހަރުކަށި އިބާރާތުންނެވެ. އަދި އެންމެ ޑިޕްލޮމެޓިކް ނޫން އިބާރާތުންނެވެ.

އިމްރާން ޚާންގެ އިންފޮމޭޝަން މިނިސްޓަރު ފަވާދު ޗައުދަރީ ވިދާޅުވީ، "ލިޔަން ކިޔަން ނުދަންނަ މި ބައިގަނޑަކީ، ދުނިޔޭގައި ޕާކިސްތާނުގެ ބުރުސޫރައަށްވެސް އޮތް ހުތުރެކެވެ!"

2019 ގައި ޕާކިސްތާން ސަރުކާރުން ބަހައްޓާފައިވާ މަހާރާޖާ ރަންޖީތު ސިންގގެ ބުދަށް ގެއްލުން ދިނުމަކީ ތަހުރީކޭ ލައްބައިކަ ޔާރަސޫލުﷲ ޖަމާއަތުގެ މީހުން ފޫހިފިލުވަން ކޮށް އުޅޭ ކަމެކެވެ. މީގެ ކުރިން ދެހަފަރެއްގެ މަތިންވެސް މިމީހުން ވަނީ ރަންޖީތު ސިންގއަށް އުނދަގޫ ކޮށްފައެވެ.

މަޖާރާޖާ ރަންޖީތު ސިންގއަކީ މިހާރުގެ ޕާކިސްތާންގެ ލާހޯރާއި އެހިސާބާ ކައިރި ސަރަހައްދަށް 19 ވަނަ ގަރުނުގެ ކުރީކޮޅު ވެރިކަން ކުރި ސިކުންގެ ދީނުގެ ލީޑަރެކެވެ. އޭނާ މަޝްހުރުވެ ވަޑައިގަތީ ޕަންޖާބުގެ ސިންގާގެ ނަމުންނެވެ.