އަފްޣާނިސްތާންގެ ރައީސް ނެތް ޙާލަތެއްގައި ގާނޫނުއަސާސީ ބުނާ ގޮތުން ވަގުތީ ރައީސަކަށް ހުންނަވާނީ، ނާއިބް ރައީސެވެ. އަފްޣާނިސްތާންގެ ރައީސް އަޝްރަފް އަބްދުލްޣަނީ ފިއްލެވިކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އޭނާ ފިއްލެވީ ކޮންތާކަށް ކަން އަދިވެސް ސާފެއް ނުވެއެވެ. އެހެންނަމަވެސް މިއަދު ބައެއް ރިޕޯޓްތައް ބުނެފައިވާ ގޮތުން އޭނާ ވަނީ ގައުމީ ސުލްހައިގެ ކޮމިޝަންގެ ރައީސް ޢަބްދުﷲ އަޙުމަދު ޢަބްދުﷲ އާ ބައްދަލު ކުރައްވާފައެވެ. އަދި އޭނާ އަފްޣާނިސްތާންގައި ހުންނެވިކަމަށް ބުނެއެވެ.

ކާބުލްގައި ރަޝިޔާ އެމްބަސީން ކުރާ ޕްރޮޕެގެންޑާގައި ބުނަނީ ޣަނީ ގައުމުން ބޭރަށް ވަޑައިގެންނެވީ ގިނަ އަދަދެއްގެ ފައިސާތަކާއި ކާރުތަކަކާއެކުގައި ކަމަށެވެ. ރަޝިޔާ އެމްބަސީގެ މިވާހަކައަށް ގިނަ ބަޔަކު މަލާމާތް ރައްދުކުރަމުން ސުއާލުކޮށްފައި ވަނީ އެފައިސާ ހުރީ ޑޮލަރުން ހެއްޔެވެ؟

މިއަދު ޓުއީޓް ކުރައްވަމުން އަފްޣާނިސްތާންގެ ނާއިބް ރައީސް އަމްރުﷲ ސާލިޙު ވިދާޅުވީ ގާނޫނުއަސާސީ ބުނާ ގޮތުން، ގާނޫނީ ގޮތުން ގައުމު ހިންގުމާ ހަވާލުވާން މިވަގުތު ހުރި މީހަކީ އޭނާ އެވެ.

ކުރިން ރިޕޯޓްތައް ބުނެފައިވާ ގޮތުން އަފްޣާނިސްތާންގެ ވަގުތީ ދިފާއީ ވަޒީރުވެސް ޔޫއޭއީއަށް ބޭރުވެ ވަޑައިގަތެވެ. ނަމަވެސް މިހާރު ރިޕޯޓްތައް ބުނަނީ އޭނާވެސް ހުންނެވީ އަފްޣާނިސްތާންގައި ކަމަށެވެ.

ބެލެވޭ ގޮތުން ތާލިބާނާ ދެކޮޅަށް ނިކުތުމަށްޓަކައި އުތުރުގައި ބައެއް އިސްބޭފުޅުން ގެންދަވަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ.