އަފްޣާނިސްތާންގެ ފަސްގަނޑުން އެހެން ގައުމުތަކަށް ނުރައްކަލެއް ނެތް ކަމަށް ބުނެ، ވަރަށް ގިނަ ފަރާތްތަކަށް ތާލިބާނުން ޔަގީންކަން ދޭން ޖެހެއެވެ. މިއިން އެއްފަރާތަކީ، ޗައިނާއެވެ. އުއިގޫރު ސުންނީ ސޫފީ މުސްލިމުންނާ ދެކޮޅަށް ހިމޭން ހަނގުރާމައެއް ގައި އުޅޭ ކޮމިއުނިސްޓް ޗައިނާއަށް އަފްޣާނިސްތާންގައި އުފެދިފައިވާ ބައިނަލްއަގްވާމީ ބާރެއްގެ ހުސްކަން ފޫބެއްދުމަށް މުހިންމު ވަނީ އިންވެސްޓްމެންޓްގެ ނަޒަރިއްޔާތަކުންނެއް ނޫނެވެ. ނަމވެސް ޗައިނާގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމުގެ ނަޒަރިއްޔާއަކުންނެވެ.

ތާލިބާނުން ވަނީ ޗައިނާއާ ދެކޮޅަށް އަފްޣާނިސްތާންގެ ފަސްގަނޑު ބޭނުން ނުކުރެވޭނެ ކަމުގެ ގެރެންޓީ ދީފައެވެ. ޗައިނާއިން ގަބޫލުކުރާނީ މިވާހަކައިގެ ބައިކުޅަ ބައިކަން ޔަގީނެވެ. ޕާކިސްތާންގައި ބަހެއް ގޮއްވާލައިގެން ޗައިނާ މީހުންތައް މަރާލި ހާދިސާއަކީ ޕާކިސްތާން ތާލިބާނާއި އުއގޫރި ހަނގުރާމަވެރިންގެ އަމަލެއްކަމަށް ވަނީ ބެލެވިފައެވެ. ހަމަ އެ ހަނގުރާމަ ވެރިންނަކީ ތާލިބާނުން ގެންގުޅޭ ކުލީ ހަނގުރާމަވެރިންގެ ބައިގަނޑުގައި ހިމެނޭ މީހުންނެވެ.

ޗައިނާއިން މެދުތެރޭ އޭޝިއާގައި ބެލްޓް އެންޑް ރޯޑް ޕްރޮޖެކްޓްތަކުގައި އިންވެސްޓްކޮށްފައިވާ އިރު އަފްޣާނިސްތާނުން ހިތްވަރު ލިބިގެން ހަނގުރާމަވެރިންނާއި ނިރުބަވެރިން ހިރުވައިގެންފިނަމަ، އެންމެ ފުރަތަމައަށްވެސް އެކަމުގެ ނޭދެވޭ އަސަރު ކުރާނީ ޗައިނާއަށެވެ. ޗައިނާއިން ބަލަނީ ފުރުސަތަކަށެވެ.

ދީނަށް ހަޖޫޖަހާ ކޮމިއުނިސްޓުންނާއެކު އެއްމޭޒެއްގައި ހިނިތުންވެ ތިބެން ތާލިބާނުން ބޭނުންވާނީ ކިހާ ދުވަހަކަށް ހެއްޔެވެ؟ ނިކަން ބަލަން ތިބެމާ ހެއްޔެވެ؟