އެމެރިކާގެ ވާދަވެރިން ސައްލާކުރަމުން ދަނީ އެމެރިކާއަށް މަލާމާތް ރައްދު ކުރަމުންނެވެ. އޮއްސެމުންދާ ބޮޑު ބާރު އެމެރިކާއަށް ވިއެޓްނާމްގައި ކުރިމަތިލާން ޖެހުނު ނާކާމިޔާބީއަށް ވުރެން ބޮޑު ނާކާމިޔާބީއަކާ އަފްޣާނިސްތާންގައި ކުރިތިލާން ޖެހުނީއެވެ. މަލާމާތްކުރާ ފަރާތަށް ރަނގަޅު ހިނިގަނޑެއް ޖަހާލުމަށް މިއަށްވުރެން ރަނގަޅު ފުރުސަތެއް އޮންނާނެ ހެއްޔެވެ؟

އީރާނާއި ޗައިނާއާއި ރަޝިޔާއިން ހިމޭނުން ތިބެގެން ޓްރަމްޕް ރައީސަށް ޝުކުރު އަދާކުރާނެކަން ކަށަވަރެވެ.

އެމެރިކާ އިން އަފްޣާނިސްތާނަށް އަރައިގަތީ، ތާލިބާނުން ބަލިކޮށްލައި އެ ޖަމާއަތް ގިތްގަޅުވާލާށެވެ. އެތައް ޓްރީން ޑޮލަރެއް ހޭދަކުރަމުން ވިހި އަހަރު ދުވަސްވަންދެން ކޮންމެ 24 ގަޑިއިރެއްގައި ހަނގުރާމައަށް ހޭދަ ކުރަމުން ދިޔައީ ތާލިބާން ބަލިކޮށްލާށެވެ. އެނެމެފަހުން އެމެރިކާގެ އެމްބެސެޑަރު ފޮށިތަންމައްޗާއެކު ކާބުލްއިން ފުރައިގެން ދާން މަޖުބުރުވީ، އެމެރިކާއިން 20 އަހަރުވަންދެން ހަނގުރާމަ ކުރި ތާލިބާނުން އަނެއްކާވެސް ކާބުލް ހިފުމުންނެވެ.

ތާލިބާންގެ ދެ ވަނަ ނަމްބަރު މުއްލާ އަބްދުލްޣަނީ ބިރާދަރު ޕާކިސްތާނުގައި ޖަލަށް ލުމުން އޭނާ މިނިވަން ކޮށްދިނީ ޓްޕަމްޕެވެ. އޭނާއާއެކު ސުލްހައިގެ މަޝްވަރާތައް ބޭއްވީ ޓްރަމްޕްގެ ޚާރިޖީ ވަޒީރު ޕޮމްޕިއޯއެވެ. މުއްލާ ބިރާދަރު ޕޮމްޕިއޯއަށް ދިން ގެރެންޓީއާއެކު ޓްރަމްޕް ގެ އެދުމަށް ރައީސް ޣަނީގެ ސަރުކާރަށް ތާލިބާންގެ ފަސްހާސް ޓެރަރިސްޓުން މިނިވަންކުރަން ޓްރަމްޕް މަޖުބޫރު ކުރިއެވެ.

ޗައިނާގެ ގްލޯބަލް ޓައިމްސްއިން ބުނެފައި ވަނީ އެމެރިކާއާއި ހުޅަގުން ޖެހި ހިސާބުތަކުގައި އެމީހުންގެ އެންމެ ނުބައި ހީތަކުންވެސް އެހާއަވަހަށް ކާބުލް ތާލިބާންގެ އަތްމައްޗަށް ފުރޮޅިގެން ދާނެ ކަމަކަށް ލަފައެއް ނުކުރެއެވެ. އެމެރިކާ ބޮޑު ބައްޔަކުން ބަލި ކުރެވުނީ ކަމަށް ގްލޯބަލް ޓައިމްސްއިން ބުނެއެވެ.

އީރާންގެ ރައީސް ސައްޔިދު ރައިސީ ސިފަކުރެއްވި ގޮތުގައި އެމެރިކާއަށް އަފްޣާނިސްގައި ބޮޑު ބައްޔަކާ ކުރިމަތިލާން ޖެހުނީއެވެ. އަދި އަފްޣާން މީހުންނަށް ދެން ހަމަ ނޭވާއެއް ލާން ފުރުސަތު ދޭން ވާނެކަމަށް، މަގާމުން ދުރުވެ ވަޑައިގަންނަވާ ޚާރިޖީ ވަޒީރު ޖަވާދު ޒަރީފީއާ ބައްދަލުކުރައްވައި ރައީސީ ވިދާޅުވިއެވެ.

ރަޝިޔާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން މާރިޔާ ޒަކަރޯވާ އެމެރިކާއަށް މަލާމާތް ކުރެއްވީ އޭނާގެ ޓެލެގްރާމް ޗެނެލަގައި އެމެރިކާގެ މުސްކުޅި ރައީސް ރޭގަން، އަފްޣާން މުޖާހިދުންނަކީ، މިނިވަންކަމަށް ހަނގުރާމަ ކުރާ މީހުން ކަމަށް ވިދާޅުވި ބަސްފުޅުތައް ބޭނުން ކޮށްގެންނެވެ. ޒަކަރޯވާ ލިޔުއްވި ގޮތުގައި އެމެރިކާއިން އެކި ސަރަހައްދުތަކުގައި ހިންގާ މިފަދަ ތަޖުރިބާތަކުން ނިކުންނަ ނަތީޖާތަކަށް ދުވަހަކުވެސް އެމެރިކާއިން ޒިންމާއެއް ނުވެއެވެ.

ޒަކަރޯވާ މިހެން ވިދާޅުވާއިރު އަފްޣާނިސްތާނަށް ލައިގަތް ހުރިހައި ބަލާވެރިކަމެއްގެ އަސްލަކީ ރޫސީންނެވެ. މޮސްކޯގެ ވެރިންނެވެ. ޕުޓިންވެސް ހިމެނޭ ގޮތަށެވެ!