އިންޑިއާއިން ހަތިޔާރާއި ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާއެކު ސްރީލަންކާގެ ކަނޑު ބޯޓެއް ހިފަހައްޓައިފިއެވެ. މި ބޯޓުގައި އޭކޭ 47ގެ ފަސް ބަޑިއާއި 30 މިލިއަން ރުޕީސްގެ އަގުހުރި މަސްތުވާތަކެތި އަތުލައިގެންފިއެވެ. އިންޑިއާގެ ނޭޝަނަލް އިންވެސްޓިގޭޓިވް އެޖެންސީން ބުނެފައި ވަނީ މި ބޯޓަކީ ޕާކިސްތާނު މީހެއްގެ ޗާޓަރު ބޯޓެއް ކަމަށެވެ. މި ހާދިސާއާ ގުޅުން ހުރި ތަމަޅަ ޓައިގަރުންނާ ގުޅިފައިވާ ޓެމިލްނާޑޫގެ ދެ ރައްޔިތަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.

މި ދެމީހުން ހައްޔަރުކޮށްފައި ވަނީ ބޯޓު އަތުލައި ގަތުމުގެ 13 ދުވަސް ކުރިންނެވެ. މި މަޢުލޫމާތު ލިބުނީ މިމީހުންނާ އެކު ތަހުގީގު ކުރުމުގެ ތެރޭގައެވެ.

ނޭޝަނަލް އިންވެސްޓިގޭޓިވް އެޖެންސީން ބުނެފައި ވަނީ މި ދެ މީހުންގެ ފަރާތުން މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ ގޭންގެއްގެ މަޢުލޫމާތާއި މިމީހުން ބަލަހައްޓާ ޕާކިސްތާނު މީހާގެ މަޢުލޫމާތުވެސް މިހާރު ލިބިފައިވާ ކަމަށެވެ.

މިމީހުން މެސެޖު ކުރުމަށް ބޭނުންކޮށްފައި ވަނީ މީސް މީޑިއާއެވެ. މީސްމީޑިއާގައި މިމީހުން ބޭނުންކުރި އެކައުންޓްތަކާއި ސިމްތައްވެސް ވަނީ އަތުލައިގެންފައެވެ.

ޕާކިސްތާންގެ ގަވަދާރު ބަނދަރުގެ ސަރަހައްދުން މަސްތުވާތަކެތި ކަނޑުމަގުން ގެންދާކަމުގެ މަޢުލޫމާތު އެންމެ ފުރަތަމަ ތިލަވެފައި ވަނީ 2020ގައެވެ.