ޕާކިސްތާން ޕީޕަލްސް ޕާޓީގެ ރައީސް ބިލާވަލް ބުއްޓޫ ވިދާޅުވާ ގޮތުގައި މިހާރު ޓެރަރިސްޓުން ރުއްސަން ޕާކިސްތާނު ސަރުކާރުން މަސައްކަތް ކުރުން ހުއްޓާލަން ވެއްޖެއެވެ. އަދި ޕާކިސްތާނު ޕާލަމެންޓުން އަފްޣާނިސްތާންގެ ބަދަލުވަމުންދާ ޙާލަތު ބަލަމުން ދާން ޖެހޭނެ ކަމަށެވެ.
ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ބިލާވަލް ވިދާޅުވީ އަފްޣާނިސްތާންގެ ސަރުކާރު ބަދަލުވުމާއެކު އަވަސް އަރުވާލައިގެން އައު ސަރުކާރު ބަލައި ގަންނާކަށެއް ނުޖެހެއެވެ.
ބިލާވަލް ބުއްޓޫއާއެކު މިކޮންފަރެންސްގައި ސިންދުގެ ޗީފް މިނިސްޓަރާއި އިސް ސިޔާސީ ލީޑަރުން ބައިވެރިވެ ވަޑައިގަތެވެ.
އަފްޣާނިސްތާނުގައި އެތައް ޒަމާނެއް ވަންދެން ހިނގަމުންދާ ހަމަނުޖެހުމުގައި މީހުން ތަހައްމަލު ކުރަމުންދާ ކެކުޅުންތައް އިޙުސާސް ކުރެވޭކަމުގައި އޭނާ ވިދާޅުވިއެވެ. އަދި އަފްޣާނިސްތާންގެ އަންހެނުންނާއި ބައިމަދު ދަރިކޮޅުގެ މީހުންގެ ހާލަތާ މެދުވެސް ނުތަނަވަސްވެ ވަޑައިގަންނަވާ ކަމުގައި އޭނާ ވިދާޅުވިއެވެ.
ބިލާވަލު ގޮވާލެއްވީ ސަރުކާރުން ޓެރަރިޒަމަށް ދޫދީގެން ނުވާނެ ކަމަށާއި ޓެރަރިޒަމާ ކުރިމަތިލުމަށް އެކުލަވާފައިވާ ގައުމީ ސިޔާސަތު ތަންފީޒު ކުރުމަށެވެ. އަދި އޭނާ ވިދާޅުވީ އަފްޣާނިސްތާންގައި ތާލިބާން ވަރުގަދަ ވެގެން ގޮސްފައި ވަނީ ޕާކިސްތާންގެ ދާސޫއާއި ކުއެޓާއާއި ކަރާޗީގައި ޓެރަރިސްޓް ހަމަލަތަކެއް ދިން ފަހުންނެވެ.