ތާލިބާނުން ހަމަ އަންހެނުންނާ ގަޔާ ނުވަނީއެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ! 1996ގައި މުއްލާއިން ވެރިކަމަށް އައި އިރު އަންހެނުންނާ މެދު ގެންގުޅުނީ ހަނދާނުން ފޮހެވިގެން ނުދާފަދަ ހަރުކަށި ސިޔާސަތުތަކެކެވެ.

އިސްލާމީ ޝަރިއާގެ ނަމުގައި ފަސް އަހަރު ވަންދެން އަންހެނުންނަށް ވޭންދެނިވި އަޒާބުން އަޒާބު ދެމުން ދިޔައެވެ. ކިޔެވުމާއި އުނގެނުމުން މަހުރޫމް ކުރިއެވެ. ވަޒީފާގެ ފުރުސަތުން އެކަހެރި ކުރިއެވެ. ފިރިހެނުންގެ ތުނބުޅިއާއި އަންހެނުންގެ ބުރުގާ ތައާރަފް ކުރިއެވެ. މިއުޒިކާއި ސިނަމާއާއި ޓިވީ މަނާ ކުރިއެވެ.

2001ގައި ޓައިމް މެގަޒިން އިން ބުނީ ތާލިބާނުން އަންހެނުން ވަގަށް ނަގާކަމަށެވެ. ޖާރިއާއިންގެ ގޮތުގައި އަޅުންގެގެ ގޮތުގައި ގެންގުޅޭށެވެ. އަޅުންގެ ގޮތުގައި ގެންގުޅުމުން އެއްދާންކޮށްލަން ހަތަރު މީހުންނަށް ވުރެން އިތުރަށް ފުރުސަތު ލިބެއެވެ.

އަބުރާ މެދު ތުހުމަތު ކުރެވޭ އަންހެނާ، ވަޅުގަނޑެއްގައި ބައިންދާފައި އޮށްގަލުން ރަޖަމު ކުރާކަމަށްވެސް ރިޕޯޓް ކޮށްފައި އޮތެވެ. ސްޓޭޑިއަމްގައި އެންމެން ބަލަން ތިބޭ ގޮތަށެވެ.

ޅަ ފިރިހެން ކުދިންވެސް އުމުރުން ދޮށީ މީހުންނާއި ހަރު ފިރިހެނުންގެ ޚިދުމަތުގައި ގެންގުޅެއެވެ. މިއީ އަފްޣާނިސްތާންގެ ސަގާފަތެއް ތޯއްޗެކެވެ! މިއަށް ކިޔައި އުޅެނީ "ބައްޗާ ބާޒީ"އެވެ. ކޮންމެ ދޮށީމީހެއްގެ ފައިމޮޑެދީ ޚިދުމަތް ކުރާން ބައްޗާއެއް ގެންގުޅޭނެއެވެ. މިއީ ބާލިޣު ވެފައިވާ ނުވަތަ ބާލިޣުވުމާ ކައިރިވެފައިވާ، ފުރާވަރަށް އަރާ ކުދިންނެވެ. ނުވަތަ ވީހުގެ އަހަރުތަކުގެ ކުދިންނެވެ. މިކުދިން ލައްވައި ވާދަވެރިންނަށް ޖާސޫސް ކުރުވުންވެސް އޮވެއެވެ.

ތާލިބާނުންގެ ހަތުރުންނަކީ އަންހެން އެކްޓިވިސްޓުންނެވެ.

ފަރިޝްތާ ކޯހިސްތާނީގެ ގަޔަށް ބަޑިޖަހައި މަރާލީ 24 ޑިސެމްބަރު 2020ގައެވެ.

އުމުރުން 33 އަހަރުގެ ޚާތިރާ، ކިޔަވައިގެން ވަޒީފާއެއް ހޯދަން އުޅުމުން ލޮލަށް ވަޅިއެއް ހަރައި ލޯ ކޮނެލީއެވެ. އޭނާ އަކީ ޣަޒްނީގެ މީހެކެވެ.

މާޗް 2021ގައި ޕޯލިއޯ ވެކްސިން ދޭން އުޅުނު، ޖަމާއަތުގެ ސިއްޙީ އަންހެން އެހީތެރިންގެ ގަޔަށް ބަޑި ޖަހައި މަރާލީއެވެ.

ތާލިބާނުން ބުނެފައި ވަނީ ޕޯލިއޯ ވެކްސިންއަކީ ފިރިހެން ކުދިންގެ ފިރިހެން ކަމުގެ ބާރުކަޑުވާލަން ޖަހާއެއްޗެއް ކަމަށެވެ.

މިހުރިހައި ކަމެއް ވަށާ ޖެހުނީ ތާލިބާންގެ ތަރުޖަމާން ޒަބީހުﷲ މުޖާހިދު އިއްޔެ ކާބުލްގައި ނޫސްކޮންފަރެންސެއް ދިނުމުންނެވެ. އޭނާ ބުނީ އަންހެނުން ވަޒީފާ އަދާ ކުރުމަށް ފުރުސަތު ދޭނެ ކަމަށެވެ. މަދަރުސާއަށް ކިޔަވަންވެސް ދެވޭނެ ކަމަށެވެ. އޭނާގެ ވާހަކައަށް އިތުރު ކޮށްލީ އިސްލާމީ ޝަރީއާގެ ދަށުން އަންހެނުންނަށް ހައްގުތަކެއް އޮންނާނެ ކަމަށެވެ.

މަމްލަކާގައި ރަސްގެފާނުވެސް އަންހެނުންނަށް ޑްރައިވިންގ ލައިސަން ނެގުމަށް ހުއްދަ ދެއްވާފައި ނުވަނީ، އަންހެނުން އުޅަނދު ދުއްވުން ޙަރާމް ކަމަށް މުއްލާއިން ފަތުވާ ނެރުމުންނެވެ. އެވެސް އިސްލާމީ ޝަރީއާގެ ވިސްނުމުން ތޯއްޗެކެވެ! އެހެންވީއިރު ތާލިބާނުން އެބުނާ އިސްލާމީ ޝަރީއާ ހަނިކޮށް، ފުޅާކުރާނީ ކޮން މިންގަނޑަކުން ކޮންކަމެއްގައި ކިހާވަރަކަށް ކަމެއް ނޭނގެއެވެ.

ތާލިބާނަށް ސެކްސްއަކީ ވަރަށް މުހިންމު ޕާޓެކެވެ. ހިފާފައިވާ ސަރަހައްދުތަކުގައި މިހާރުވެސް ތާލިބާނުން އެންމެ ބޮޑަށް އުޅެނީ، ހަނގުރާމަވެރިންނާ ދެވާނެ ޒުވާން އަންހެނުންނާއި ދަރިމައިވާން މުޑުވައް ރަނގަޅު މީހުން ބަލައި ހޯދުމުގެ މަސައްކަތުގައެވެ.

ތާލިބާނުން މެދުމިންވަރެއްގެ ހޭވެރިކަމެއްގައި ތިބިކަމަށް ދެއްކިނަމަވެސް އަދި އޮފެއް ނައަރާނެއެވެ. އެމީހުންގެ ބުރުސޫރަ ހުތުރުވެފައި، ފޮޓޯ ފްރޭމަށް ހިރަފުސް ބުރާފައި ވަނީ މިކަން ބޮޑަށެވެ.

ތާލިބާނަކީ ޓެރަރިސްޓް ޖަމާއަތެކެވެ. މިޖަމާއަތުގެ ދެވަނަ ނަންބަރަކީ މަޝްހޫރު ހައްގާނީ ނެޓްވަރކް ހިންގާ ގުންޑާ ޓެރަރިސްޓެކެވެ. ދެން ތިބި މީހުންނަކީވެސް އެއް ލޯ މުއްލާ އުމަރާއެކު ހަނގުރާމަ ކޮށްއުޅުނު މީހުންނެވެ.

ތާލިބާންގެ ވެރިންނަށް އައިހާވެސް ބަދަލަކީ ތަނަވަސްކަން އިތުރުވުމާއެކު މިމީހުންގެ ފަގުޑީގެ ފޮތިގަނޑު އެތައް ޔާޑަކަށް ދިގުވެގެން ދިއުމެވެ.