ޗައިނާއާ ނުލައި ސެބްމެރީން ކޭބްލައަކުން އޭޝިއާއާއި އެމެރިކާ ގުޅާލުމަށް ފޭސްބުކްއާއި ގޫގްލްއިން ނިންމައިފިއެވެ. މި ސެބްމެރިން ކޭބަލްއިން ގުޅާލެވޭނީ، ސިންގަޕޫރާއި ޖަޕާނާއި ގުއާމާއި ފިލިޕީންސާއި ޓައިވާނާއި އިންޑޮނޭޝިއާއެވެ. މިއަށް ދީފައިވާ ކޯޑު ނަމަކީ އެޕްރިކޮޓްއެވެ.
މީގެ އިތުރުން ކުރިން އެއްބަސްވެފައިވާ ކަނޑުއަޑީގެ އެހެން ކޭބަލަކުން އެމެރިކާއާއި އިންޑޮނޭޝިއާއާއި ގުއާމްއާއި ސިންގަޕޫރު ގުޅުވާލެވޭނެއެވެ.
މިދިޔަ އަހަރު އެމެރިކާއިން ހޮންގކޮންގއަށް ކަނޑުއަޑިން ކޭބަލް އެޅުމަށް ނިންމުނެވެ. ނަމަވެސް ޗައިނާއާއި އެމެރިކާއާ ދެމެދު ހޫނުވެގެން ދިޔަ ވިޔަފާރިއާއި ކޯވިޑާއި ގުޅޭ ބަހުގެ ހަމަލަތަކުގެ ސަބަބުން މި ޕްރޮޖެކްޓު ކުރިއަށް ނުގެންދިއުމަށް ނިންމީއެވެ.
ގޫގުލް ބުނާ ގޮތުން މި ކަނޑުއަޑީ ކޭބަލްގެ ސަބަބުން ގޫގުލްގެ ޚިދުމަތްތަކާއި ކްލައުޑް ކޮމްޕިއުޓިންގެ ފަސޭހަތައް އޮމާންކަމާއެކު ލިބިދެވޭނެއެވެ. މީގެ އިތުރުން އޭޝިއާގައި އަލަށް ފަށާ ވިޔަފާރިތަކަށް ފޭސްބުކުއާއި ގޫގުލްވެގެން، އަގު ހެޔޮކޮށް ބޭންޑްވިތު ހޯދައި ދިނުމާއި ފަސޭހައިން ޑިޖިޓަލް ޚިދުމަތްތައް ބޭނުންކުރެވޭ ގޮތަށް ހަދައި ދިނުންވެސް ހިމެނެއެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާއިން މިދިޔަ އަހަރު މި ދެކުންފުންޏަށް އަންގާފައި ވަނީ ކަނޑު އަޑީ ކޭބަލް އަޅާއިރު ޗައިނާގެ ސަރަހައްދާ ނުބައްސައި މި ކޭބަލް އެޅުމަށް މަސައްކަތް ކުރުމަށެވެ.