އަފްޣާނިސްތާންގައި ތިބި ނިއުޒިލެންޑް ސިފައިންނަށް އެހީވި މީހުންނަށް ނިއުޒިލެންޑުން އެހީތެރި ނުވާތީ، އެމީހުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މިމީހުން ބުނާ ގޮތުގައި އަވަސް ގޮތަކަށް އެމީހުން އަފްޣާނިސްތާނުން ބޭރަށް ނުގެންދަނީނަމަ، ތާލިބާނުންގެ ނުރައްކާ އެމީހުންނަށް ފޯރާނެއެވެ. މި މީހުންގެ ތެރޭގައި ތަރުޖަމާނުންނާއި ކަރަންޓު ހަދާ މީހުންނާއި ވަޑާންކުރާ މީހުންނާއި ކައްކާއިން ހިމެނެއެވެ. މިމީހުންނަކީ ނިއުޒިލެންޑްގެ ބޮޑު ވަޒީރަށް އެމީހުން ސަލާމަތްކޮށްދޭން އެދިގެން ސިޓީ ލިޔުނު ވިހި މީހުންގެ ތެރޭގައި ހިމެނޭ މީހުންނެވެ.

މިމީހުންގެ އަތުގައި، ނިއުޒިލެންޑް ސިފައިންނާއެކު މިމީހުން މަސައްކަތް ކުރިކަން އަންގައިދޭ ލިޔުންތައް އެބަހުއްޓެވެ. މިމީހުންނަކީ ހަޒާރާއިން ގިނަ ބަމިޔާން ޕްރޮވިންސްގެ މީހުންނެވެ.

ކާބުލްއަށް ތާލިބާނުން ވަންފަހުން ނިއުޒިލެންޑްގެ ކެބިނެޓުން ބެއްވި ބައްދަލުވުމަށްފަހު ބޮޑު ވަޒީރު ވިދާޅުވެފައި ވަނީ ސީ 130ގެ މަތިންދާބޯޓެއް 37 އަފްޣާނީން ބަލައި ދާނެކަމަށެވެ. މިމީހުންނަކީ ނިއުޒިލެންޑް ސިފައިންނާއެކު މަސައްކަތްކުރި މީހުންނެވެ.