އެމެރިކާއިން ބުނަނީ ލަފާކުރިވަރަށް ވުރެން އަވަހަށް ޓެރަރިސްޓުން އަފްޣާނިސްތާނާއި އެހެން ތަންތާނގައި ޙަރަކާތްތެރިވާން ފަށާފާނެއެވެ. އެމެރިކާގެ ސެނެޓްގައި ވާހަކަ ދައްކަވަމުން ޖޮއިންޓް ޗީފްސް އޮފް ސްޓާފް މާރކް މިލޭ ވިދާޅުވަނީ، ކުރިން ލަފާ ކުރި މުއްދަތަށް ވުރެން މާއަވަހަށް، އަފްޣާނިސްތާންގައި ނިރުބަވެރިން، އެއްތަން ވާން ފަށާނެ ކަމަށެވެ.

އެމެރިކާއިން ނުތަނަވަސްކަން ފާޅުކުރަނީ، ތާލިބާނުން 2300 ނިރުބަވެރިން ޖަލުތަކުން މިނިވަން ކުރުމާ ގުޅިގެންނެވެ. މިމީހުންގެ ތެރޭގައި ޕާކިސްތާންގެ ތަޙްރީކޭ ތާލިބާން ޖަމާއަތުގެ ޓެރަރިސްޓުންނާއި އަލްގައިދާއާއި އިސްލާމިކް ސްޓޭޓްގެ ޓެރަރިސްޓުން ހިމެނެއެވެ.

އަފްޣާނިސްތާންގައި ނިރުބަވެރިންކަމަށް ބަލައިގެން ޖަލަށް ލާފައިވާ ދިވެހިން ތާލިބާނުން މިނިވަން ކުރިކަމެއް ނުވަތް ނޫންކަމެއް އަދި ސާފެއް ނުވެއެވެ.

ތާލިބާނުން މިނިވަން ކޮށްފައިވާ ނިރުބަވެރިންގެ ތެރޭގައި، ތަހްރީކޭ ތާލިބާނޭ ޕާކިސްތާންގެ ކުރީގެ ދެވަނަ ނަންބަރު މައުލަވީ ފަގީރު މުހައްމަދު )ފޮޓޯގައި( ހިމެނެއެވެ. ބައެއް ފަރާތްތަކުން އިންޒާރު ކުރިގޮތުގައި އޭނާ މިނިވަން ކުރުމުން ޕާކިސްތާނާއި އަފްޣާނިސްތާނަށް ނުރައްކާވުމުގެ ފުރުސަތު ބޮޑެވެ.

ތާލިބާނުން ވަނީ ކަންދަހާރާއި ބަގްރާމާއި ކާބުލްހގެ ޖަލުތަކުން މީހުން މިނިވަން ކޮށްފައެވެ.