އަފްޣާނިސްތާންގެ ވަގުތީ ރައީސް އަމުރުﷲ ސާލިހުއަށް ވަފާތެރި ބަޔަކު ވަނީ ޕަރްވާން ޕްރޮވިންސްގެ ޝަރީކާރު ޑިސްޓްރިކްޓަށް ހަމަލަ ދީފައެވެ. މިވާހަކަ ކަށަވަރެއް ނުކުރެވެއެވެ. ޝަރީކާރު އޮންނަނީ ކާބުލްގެ އުތުރުންނެވެ. މީގެ އިތުރުން އުޒުބެކް ދަރިކޮޅުގެ ލީޑަރު، މާރޝަލް އަބްދުއްރަޝީދު ދޯސްތަމްގެ ހަނގުރާމަވެރިން ވަނީ އުތުރުގައި ތާލިބާންގެ ތަންތަނަށް ހަމަލަ ދީފައެވެ.

ޕަންޖްޝޭރު ސިޓީގެ ރައްޔިތުން ވަނީ ނޯރދަން އެލައެންސްގެ ދިދަ ނަގާފައެވެ. މި ތަންތަނަކީ ތާލިބާނުންގެ ބާރުގެ ދަށުގައިވާ ތަންތަނެއް ނޫނެވެ.

ކެނެޑާ ބޮޑުވަޒީރު ޖަސްޓިން ޓުރޫޑޯ ވިދާޅުވީ، ތާލިބާނުން އެކުލަވާލާ ސަރުކާރެއް ކެނެޑާއިން ބަލައެއް ނުގަންނާނެ ކަމަށެވެ.

ތާލިބާނުން އެކުލަވާލާ ސަރުކާރެއްގައި ރައީސަކަށް ހުންނާނީ ތާލިބާންގެ ދެވަނަ ނަމްބަރު މުއްލާ އަބްދުލް ޣަނީ ބިރާދަރުކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ. ބިރާދަރުއަކީ އެމެރިކާއާ ގާތް ގުޅުމެއް އޮންނަ މީހެކެވެ. ޕާކިސްތާނުން އޭނާ ޖަލަށް ލުމުން މިނިވަން ކޮށްދިނީ އެމެރިކާއިންނެވެ. އަދި ސުލްހައިގެ މަސައްކަތުގައި އޭނާ އިސްކޮށް އުޅުމަށް ފަހިކޮށްދިނީވެސް އެމެރިކާއިންނެވެ.

އދގެ މަންދޫބު ޒަލްމާއޭ ޚަލީލުޒާދުވެސް ދެކެވަޑައިގަތް ގޮތުގައި މުއްލާ ބިރާދަރަކީ، އެމެރިކާ ސިފައިން ފައިބައިގެންދާފަހުން ތާލިބާންގެ ސަފުގައި ހުންނާނެ އިތުބާރު ކުރެވޭފަދަ މީހެކެވެ.

މުއްލާ ބިރާދަރު ވަނީ އެއް ލޯ މުއްލާ އުމަރާއެކު ހަނގުރާމައިގައި އުޅެފައެވެ.

އެމެރިކާއިން ވަނީ ތާލިބާނުންގެ އަތު ނުޖެހޭ ގޮތަށް އަފްޣާން މަރުކަޒީ ބެންކުގެ ރިޒާވް ގަނޑުކޮށްފައެވެ.