ތާލިބާނުން ހޯދި ކާމިޔާބީއަށް އެންމެ ފުރަތަމަ ތަހުނިޔާ ކިޔާފައިވާ ފަރާތަކީ، ޕާކިސްތާންގެ ތަހްރީކޭ ތާލިބާނޭ ޕާކިސްތާން އެވެ. މިމީހުން ވަނީ ތާލިބާނަށް ބައިއަތު ހިފައިފިކަމަށް އިޢްލާން ކޮށްފައެވެ. މީގެ އިތުރުން ޕާކިސްތާންގެ ސިޔާސީ ފަންތިންނާއި ސިފައިންނާއި ސަރުކާރުން ވަނީ ތާލިބާނަށް ސަނާ ކިޔާފައެވެ.

މިފަރާތްތަކުން ބުނާ ގޮތުގައި ތާލިބާނުން ވަނީ އަޅުވެތި ކަމުގެ ކަސްތޮޅުން މިންޖުވެފައެވެ.

މުހައްލިލުން ބުނާ ގޮތުގައި މިހާރު ވެރިވެފައިވާ ހިމޭން ކަމަކީ އަންނާން އޮތް ދުވަސްތަކަށް ބޯމަތިވަމުންދާ ނިރުބަވެރިކަމުގެ ބިޔަ ތޫފާނެކެވެ.

ޕާކިސްތާންގެ ކަންކަން ތަޙުލީލު ކުރާ އާއިޝާ ސިއްދީޤާ ބުނާ ގޮތުން ތާލިބާންގެ ކާމިޔާބީއާއެކު ހިތްވަރު ލިބިގެން ހުރިހައި ކުލައަކުންވެސް ޓެރަރިސްޓުން އެމީހުންގެ ހޮރުހޮރުން ނިކުންނަން ފަށާނެއެވެ.

ތާލިބާނުން މިނިވަންކޮށްފައިވާ ނިރުބަވެރިންގެ ތެރޭގައި ތަހުރީކޭ ތާލިބާނޭ ޕާކިސްތާންގެ ނާއިބް ލީޑަރު މައުލަވީ ފަކީރު މުހައްމަދު ހިމެނެއެވެ.