އަފްޣާނިސްތާންގެ ވެރިރަށް ކާބުލް ތާލިބާނުންގެ އަތްދަށަށް ދިއުމުން ޕާކިސްތާނުގައި ބައެއް މީހުން މަގުތަކަށް ނިކުމެ އެކަން ފާހަގަކޮށް އުފާ ފާޅުކުރިއެވެ. މީހުން އެއްބަޔަކު އަނެއްބަޔަކަށް ހަލްވާ ބަހައި ހެއްދެވެ. އެހެންނަމަވެސް ޕާކިސްތާންގެ އެހެން ބައެއް މީހުން ވަނީ އަފްޣާން ސަރުކާރު ވެއްޓުމުން އެކަމާ ދެރަވެފައެވެ.

ޕާކިސްތާންގެ ސަރުކާރުގެ މަސްއޫލުވެރިންގެ ވާހަކަތަކުން ދޭހަވަނީ، އިސްލާމްއާބާދަށް މިކަމުން އުފާވެރިކަމެއް ލިބުނު ހެންނެވެ. ޕާކިސްތާންގެ ބޮޑުވަޒީރުގެ ސްޕެޝަލް އެސިސްޓެންޓް ރައޫފް ޙަސަން ވިދާޅުވީ، އޮމާންކަމާއެކު އަފްޣާނިސްތާންގެ ސަރުކާރު ބަދަލުވީ ކަމަށެވެ. އަޝްރަފް ޣަނީގެ ކޮރަޕްޓް ސަރުކާރު ވައްޓާލެވުނީ ކަމަށެވެ. އޭނާ ވިދާޅުވީ އެމެރިކާއިން މަލަން އަޅައިގެން ހިފަހައްޓައިގެން އުޅުނު އަފްޣާނިސްތާން ވިއްސިވިހާލިވެގެން ދިޔައީ ކަމަށެވެ.

އަފްޣާނިސްތާންގައި ތާލިބާން ވެރިކަމަށް އައުމުގެ ފަސްމަންޒަރުގައި ހޯމަދުވަހު ޕާކިސްތާން ބޮޑު ވަޒީރު އިމްރާން ޚާން ވަނީ އާދަޔާ ޚިލާފް ބަޔާނެއް ދެއްވާފައެވެ. ޚާން ވިދާޅުވީ، އިނގިރޭސި ތަޢުލީމު އުނގަންނައި ދިނުމުން ޕާކިސްތާން މީހުންގެ ސިކުނޑި އަޅުވެތި ކުރެވޭ ކަމަށެވެ. އަދި އަފްޣާނިސްތާންގެ ޙާލަތަށް މިސާލު ޖައްސަވަމުން ޚާން ވިދާޅުވީ އަފްޣާން މީހުން ވަނީ އަޅުވެތިކަމުގެ ކަސްތޮޅުތަކުން މިންޖުވެގެންފައި ކަމަށެވެ.

ޕާކިސްތާނުން ތާލިބާންގެ ވެރިކަން ބަލައިގެންފައިވާ ކަމަށް އިޢުލާން ކޮށްފައެއް ނުވެއެވެ. ނަމަވެސް ޕާކިސްތާން ވެގެންދާނީ ޗައިނާއާއެކު ތާލިބާންގެ ސަރުކާރެއް ބަލައިގަންނަ ފުރަތަމަ ގައުމުތަކުން ގައުމަކަށެވެ.

އަފްޣާނިސްތާންގައި ތާލިބާނާ ދެކޮޅަށް ބަޔަކު ނިކުމެދާނެކަމަށް ބަލައި، ޕާކިސްތާންގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު މުއީދު ޔޫސުފް ވިދާޅުވީ، އަފްޣާނިސްތާންގައި އުފެދޭ ހަމަނުޖެހުމެއްގެ އަސަރުތައް ޕާކިސްތާނާ ހަމައަށް ފޯރިޔަ ނުދޭނެ ކަމަށެވެ.

ތާލިބާންގެ މަދަދުގާރަކީ، ޕާކިސްތާންގެ އައިއެސްއައި ކަމަށް ތުހުމަތު ކުރެވެއެވެ.