އެމެރިކާ ސިފައިން ފޭބުމުން އަފްޣާނިސްތާނަށް ޗައިނާއިން ވަންނާނީ، އެގައުމުން ނާދިރު މައުދަންތައް ކޮނެ ނެގުމަށްޓަކައި ކަމަށް އެމެރިކާގެ މަސްއޫލުވެރިން ތުހުމަތު ކުރައްވައެވެ. އެމެރިކާއިން މިފަދަ ފުރުސަތެއްގެ ބޭނުން ހިފާފައި ނުވާތީ، އެކަމާވެސް އެމެރިކާއިން ހިތާމަ ފާޅު ކުރެއެވެ.

އެމެރިކާ ސެނެޓްގެ ފޮރިން އެފެއާޒް ކޮމިޓީގެ ވެރިޔާ، މިޝޭލް މެކޯލް ވިދާޅުވަނީ، މިފަދަވ ފައިދާއެއް އެމެރިކާއަށް ނެގިފައި ނުވާތީ މިއިން ދޭހަވަނީ އެމެރިކާ އަފްޣާނިސްތާންގައި ރަނގަޅަށް ބަލިވީ ކަމަށެވެ. އަދި ޗައިނާއަށް މޮޅު ލިބުނީ ކަމަށެވެ.

ސުޕުޓުނިކްއާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، މިއިން ނިރުބަވެރި އަމަލުތަކާއި ހަރަކާތަށް ފަންޑު ކުރަން ބޭނުންވާ ފައިސާ ތާލިބާނަށް ލިބޭނެ ކަމަށެވެ.

އެމެރިކާއިން ވަނީ އަފްޣާނިސްތާންގެ ޚަޒާނާގެ ރިޒާވް ފައިސާ، މުއްލާއިންގެ އަތު ނުޖެހޭ ގޮތަށް ގަނޑުކޮށްފައެވެ. ޔޫރަޕުންވެސް ބުނަމުން ދަނީ އަފްޣާނަށް އެހީގެ ފައިސާތައް ދިނުންވެސް ހުއްޓާލާނެ ކަމަށެވެ.

ބެލެވޭ ގޮތުގައި، ތާލިބާނުން ސަރުކާރެއް ހިންގިނަމަވެސް މާލީ ގޮތުން ނިކަން ބިކަ ވާނެއެވެ. އަނެއްކޮޅުން ތާލިބާނުގެ ހަނގުރާމައަށް ފައިސާ ހޯދުމުގެ ވަސީލަތްކަމަށްވާ އަފިހޫނުގެ ދަނޑުވެރިކަން ހުއްޓުވާނެ ކަމަށްވެސް ހަނގުރާމަވެރި ޖަމާއަތުން ބުނެއެވެ.