ނިރުބަވެރި ތާލިބުންނަށް ހިތްވަރު ލިބޭފަދަ ޕޯސްޓްތައް ހުއްޓުވުމަށް ގަދައަޅައި މަސައްކަތް ކުރާނެ ކަމަށް ޓިކްޓޮކާއި ފޭސްބުކުން ބުނެފިއެވެ. ތާލިބުން ކާބުލް ހިފައި ހޯދާފައިވާ ކާމިޔާބީއަށް ބައެއް މުސްލިމު ސަގާފަތްތަކުގައި ތާރީފްގެ ބަސްތައް އޮހެމުން ދެއެވެ.
ޕާކިސްތާނުގައި ބައެއް މީހުން ސިފަ ކޮށްފައިވަނީ ކާބުލް ހިފުމުން ހަނދާނަށް އަންނަނީ މައްކާ ފަތަހަ ކުރުމުގެ ހާދިސާއެވެ. އަދި ތާލިބާނުން ހިފި ސަރަހައްދުތަކުގައި މުއްލާއިން އިމާމުވެ ނަމާދު ކުރުމާއި ދުއާކޮށް ހަދާ މަންޒަރާއި މުއްލާއިން ބާޒާރު ސަރަހައްދުގައި ހިނގައި ވިޔަފާރިވެރިންނާ މޮށެއުޅޭ މަންޒަރު ދައްކަމުން ބައެއް މީހުން ބުނަނީ އުމަރު ބިން އަބްދުލް އަޒީޒުގެ ވެރިކަން ހަނދާނަށް އަންނަ ކަމަށެވެ.
ފޭސްބުކާއި ޓިކްޓޮކުން ބުނެފައިވަނީ ތާލިބާނަށް ހިތްވަރުދޭ އެމީހުންގެ ބޮޑުކަން ދައްކައިދޭ ކޮންޓެންޓްތައް މޮނީޓާ ކުރުމަށް ޚާއްސަ ޓީމުތައް އެކުލަވާލައި މަސައްކަތް ހަވާލުކޮށްފައި ވާނޭ ކަމަށެވެ.
ދެ ކުންފުނިންވެސް ބުނެފައި ވަނީ މިފަދަ މާއްދާތައް ފުރޭނުމަށް ޚާއްސަ އެލްގޮރިދަމެއް ވެސް ބޭނުން ކުރަމުންދާ ކަމަށެވެ.
ތާލިބުންގެ ޖަމާއަތަކީ ފޭސްބުކުން ޒަމާންތަކެއް ވަންދެން މަނާކޮށްފައިވާ ޖަމާއަތެކެވެ. ސީއެންބީސީއާ ވާހަކަދައްކަމުން ފޭސްބުކުގެ މަސްއޫލު މީހަކު ބުނެފައި ވަނީ ތާލިބުންގެ ޖަމާއަތަކީ އެމެރިކާގެ ގާނޫނުގެ ދަށުން ނިރުބަވެރި ޖަމާއަތެއް ކަމަށް ގިންތިކޮށްފައިވާ ބަޔެކެވެ. އަދި ފޭސްބުކުން އެމީހުންނާ ބެހޭ މާއްދާތަކާއި މައުޟޫއުތަކާ މުއާމަލާތު ކުރަނީ ނުރައްކާތެރި ޖަމާއަތްތަކުގެ ތެރޭގައި ހިމަނައިގެންނެވެ.
ޓިކްޓޮކުންވެސް ބުނެފައި ވަނީ އެމީހުން ބަލާގޮތުގައިވެސް ތާލިބުންނަކީ ނިރުބަވެރި ޖަމާއަތެކެވެ.
ތާލިބާނުންގެ ދެވަނަ ނަންބަރު ކަމުގައިވާ ހައްގާނީއަކީ އދން ނިރުބަވެރި ޖަމާއަތެއްކަމަށް ލިސްޓްކޮށްފައިވާ ނުރައްކާތެރި ހައްގާނީ ނެޓްވޯކުގެ ވެރިޔާއެވެ.