އަފްޣާނިސްތާންގެ ވަގުތީ ރައީސް އަމްރުﷲ ސާލިޙު ވިދާޅުވާ ގޮތުގައި ތާލިބާނަކަށް އަފްޣާނިސްތާންގައި ވެރިކަން ކުރުމުގެ ގާބިލުކަމެއް ނުހުންނާނެއެވެ. އަފްޣާން ރައީސް ގައުމުން ބޭރުވެ ވަޑައިގަތުމުން ގާނޫނުއަސާސީ ބުނާ ގޮތުން ދެން ވެރިކަން ހިންގަން ހުންނަވާނީ ނާއިބް ރައީސެވެ.

ޕާކިސްތާނުން ތާލިބުންނަށް ހިތްވަރުދީގެން އެމީހުން ލައްވައި އަފްޣާނިސްތާން ގަޑުބަޑު ކުރަން އުޅޭކަމަށް ތުހުމަތު ކުރައްވަމުން، އަމްރުﷲ ސާލިޙު ވިދާޅުވީ "އަފްޣާނިސްތާނަކީ ޕާކިސްތާނަށް ދިރުވާލެވޭ ވަރަށް ވުރެން މާބޮޑު ގައުމެއް" ކަމުގައެވެ. އަދި "ތާލިބާނުންނަށް ވެރިކަން ކުރެވޭ ވަރަށް ވުރެންވެސް ބޮޑު ގައުމެއް" ކަމަށެވެ.

އޭނާ ވަނީ ތާލިބުންގެ ނިރުބަވެރިކަމާ ދެކޮޅަށް ނިކުންނަން ބޭނުންވާ މީހުން އެއްބައިވެ، ނުކުތުމަށް މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. މަޒާރޭޝަރީފްގައި ތާލިބާނުންނާ ދެކޮޅުވެރި ހަރަކާތެއް އެބައުޅެއެވެ.

ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްޖީ ލާވްރޯފް މިއަދު ވިދާޅުވީ، އަފްޣާނިސްތާންގެ ހުރިހައި ސަރަހައްދެއްގެ ކޮންޓްރޯލް އަދި ތާލިބުންނަށް ލިބިފައި ނުވާ ކަމަށެވެ.

ތާލިބުންގެ ހަތުރުވެރި ތާޖިކް ދަރިކޮޅުގެ ހަނގުރާމަވެރިޔާ، އަހްމަދު ޝާހް މަސްއޫދުގެ ނޯރދަން އެލައެންސްއިންވެސް ދަނީ ތާލިބުންނާ ދެކޮޅަށް ތައްޔާރުވަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ. އެތައް ހަނގުރާމަވެރިން ބައިވެރިވާ ނޯރދަން އެލައެންސަކީ އަމިއްލަ ހެލިކޮޕްޓަރުތަކާއި ހަތިޔާރު ތާޖިކިސްތާނުގައި ބައިތިއްބައިގެން އުޅޭ ބައެކެވެ. މިމީހުންގެ ހެލިކޮޕްޓަރުތައް ސާވިސްކޮށް ބަލަހައްޓާދީފައި ވަނީ ތާޖިކިސްތާންގައި ތިބޭ އިންޑިއާ ސިފައިންނެވެ. އަދި ނޯރދަން އެލައެންސަކީ އިންޑިއާގެ އަސްކަރިއްޔާއާ ގާތް ގުޅުމެއް ބާއްވާ ބައެކެވެ. ނޯދަން އެލައެންސްގެ މީހުންނަށް ހާނީއްކަ ވުމުން ފަރުވާ ދެނީވެސް ތަޖިކިސްތާންގައި ހުންނަ އިންޑިއާ ސިފައިންގެ ހަސްފަތާލްގައެވެ.

އިންޑިއާގެ މީޑިއާއިންވެސް ދަނީ ނޯދަން އެލައެންސަށް އިންޑިއާއިން އަސްކަރީ ގޮތުން އެހީ ވުމަށް ގޮވާލަމުންނެވެ. އެކަމަކު މިކަމާމެދު އަދި އިންޑިއާއިން ސާފުކޮށް ގޮތެއް ނިންމާފައެއް ނުވެއެވެ.

ބެލެވޭ ގޮތުގައި އަދި އިންޑިއާއިން ގޮތެއް ނިންމާފައި ނުވަނީ ތާލިބާނުން ކަންކުރާ ގޮތެއް ސާފުނުވާތީއެވެ. ތާލިބާނުން ވަނީ އިންޑިއާއާ ހަތުރުވެރިކަމެއް ނެތްކަން ދެއްކުމަށްޓަކައި އަފްޣާނިސްތާންގައި ހިންގަމުން ގެންދާ ޕްރޮޖެކްޓްތައް ނިންމައި ދިނުމަށް އެދި ނިއުދިއްލީއަށް ގޮވާލާ ފައެވެ.

ޝޭރު މުޙައްމަދު ޢައްބާސް ސްޓެކްޒާއީ

ދޯޙާގައި ސުލްހައިގެ ވާހަކަތަކުގައި ހަރަކާތްތެރިވާ ތާލިބާންގެ އިސްލީޑަރު، ޝޭރު މުޙައްމަދު ޢައްބާސް ސްޓެކްޒާއީ އަކީ އިންޑިއާގެ ދެހެރާދުންގައި ހުންނަ އިންޑިއާގެ މިލިޓަރީ އެކަޑީން ކިޔަވައި ވިދާޅުވި ބޭފުޅެކެވެ. ބުނެވޭ ގޮތުގައި ސްޓެކްޒާއީއަކީ، އިންޑިއާގެ ސަލާމަތީ ދާއިރާއާ ގާތް ބޭފުޅެކެވެ. އޭނާއަކީ އޮރިޖިނަލް ތާލިބާންގެ ބޭފުޅެއް ނޫނެވެ. މުޖާހިދުން ހަނގުރާމަ ކުރި ޒަމާނުގައި، އޭނާ ހަނގުރާމަ ކުރެއްވީ، ޢަބްދު ރައްބުއްރަސޫލް ސައްޔާފުގެ އިސްލާމިކް ޔޫނިއަން ފޯރ ދަ ލިބަރޭޝަން އޮފް އަފްޣާނިސްތާންގައި ކޮމާންޑަރެއްގެ ގޮތުގައެވެ.