އަފްޣާނިސްތާންގެ މައްސަލާގައި ޕާކިސްތާންގެ ވަޒީރުން ވާހަކަ ނުދެއްކެވުމަށް ބޮޑު ވަޒީރު އިމްރާން ޚާން އިލްތިމާސް ކުރައްވައިފިއެވެ. އިއްޔެ އޮތް ކެބިނެޓްގެ ބައްދަލުވުމުގައި އިމްރާން ޚާން ވިދާޅުވީ އަފްޣާނިސްތާން މައްސަލައަކީ ޙައްސާސް މައްސަލައެއް ކަމަށާއި މި މައްސަލާގައި ހުރިހައި ވަޒީރު ބޭފުޅުން ވާހަކަ ނުދެއްކެވުމަށެވެ. އަދި މީޑިއާ ފޯރަމްތަކާއި ޚަބަރަށް ވާހަކަ ދެއްކުމުގައި އަފްޣާނިސްތާނާ ބެހޭ ގޮތުން ޚިޔާލު ފާޅު ކުރައްވާނީ އެކަމުގެ އިޚުތިޞާސް އޮތް ވުޒާރާތަކުގެ ބޭފުޅުން ކަމަށެވެ.

ތާލިބާނުން އަފްޣާނިސްތާންގެ ސަރުކާރު ވައްޓާލާފައި ވާތީ، ޕާކިސްތާންގެ ވަޒީރުން ވަނީ އެކަމަށް އުފާފާޅުކުރައްވާފައެވެ. އަދި ޕާކިސްތާންގައި މިޓާއީ ބަހައި އެކަކު އަނެކަކަށް މިޓާއީ ކާންދީ، ތާލިބާންގެ ކާމިޔާބީއަށް އުފާ ފާޅުކޮށްފައި ވެއެވެ.

އިމްރާން ޚާން ވިދާޅުވީ އަފްޣާނިސްތާންގެ ސަރުކާރު ވައްޓާލުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބުނު ގައުމަކީ އިންޑިއާ ކަމަށެވެ. އޭނާ ވިދާޅުވީ އިންޑިއާއިން އުޅެނީ ޕާކިސްތާނާ ދެކޮޅަށް ނުބައި ރޭވުންތައް ރާވާށެވެ. އަދި ކުރީގެ ރައީސް ޣަނީގެ ސަރުކާރު ވެއްޓުމާއި ތާލިބާނުންގެ އަތަށް ބާރުތައް ލިބުމުން، އިންޑިއާއިން ކުރި ހުރިހައި އިންވެސްޓްމެންޓެއް އިންޑިއާއަށް ގެއްލިގެން ދިޔައީ ކަމުގައި ޚާން ވިދާޅުވިއެވެ.