މިހާރު މީސްމީޑިއާގައި ފޫހިފިލުވުމަށް މީހުން ދައްކައި އުޅޭ ވާހަކައަކީ އެމެރިކާ މީހުންގެ ކަނޑުކޮސްކަމުގެ ވާހަކަކެވެ. ޖޯކަކަށް މީހަކު ޝެއަރ ކުރި ފޮޓޯއެއްގައި އެމެރިކާގެ ކުރީގެ ރައީސް، ބުއްޅަ ހޮއްކޮ ފޮޓޯއަކަށް ހުއްޓި ހުންނަ ގޮތަށް ނަފާގައިވާ ފޮޓޯގައި ލިޔެފައި ވަނީ "އަފްޣާނިސްތާނުން ވެރިކަން ކޮށްދޭނެ ރައީސަކު ހޯދަން އުޅޭ ވާހަކަ އަޑު އެހީމެވެ!" ދުނިޔޭގެ ބޮޑު ބާރުގެ ކުރީގެ ރައީސަށް މަލާމާތް ކުރަމުން މީހަކު ޝެއަރ ކޮށްފައި އޮތެވެ.
އެމެރިކާ ސަރުކާރާއި އެމެރިކާގެ ކަނޑުކޮސް ވާހަކަ މީހުން ދައްކަނީ ކަނޑުކޮސްކަމުގައި އެމެރިކާ އައު އުސްމިނަކަށް ދިއުމުންނެވެ. މީހުން ހައިރާން ވާތީއެވެ.
ތާލިބާން ހަނގުރާމަވެރިން، ވެރިކަމުން ބޭރުކުރަން ދިޔަ މީހުން، 2.5 ޓްރީލިއަން ޑޮލަރު ޚަރަދުކޮށް ހަނގުރާމަކޮށް، ދެ ފަރާތުން އެތައް ބަޔަކު މަރުވެ، މަރާލައި، އާބާދީތަކާއި ގެދޮރު ސުންނާފަތިކޮށް ހެދުމަށްފަހު 20 އަހަރު ފަހުން ފައިބައިގެން ދިޔައީ، ބަލިކުރަން ދިޔަ ތާލިބާން މީހުންނާއެކު އެއް މޭޒަކަށް އަރައި ސައްލާކޮށް، ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށް، ތަބަކެއްގައި ވެރިކަން ހަވާލު ކުރުމަށްފަހުއެވެ.
ފާޑުކިޔާފައިވާ ބައެއް މީހުން ބުނެފައި ވަނީ އެމެރިކާއިން ތާލިބާނުންނާއެކު ސޮއިކުރި އެއްބަސްވުން ޓޮއިލެޓް ރޯލެއްގައި ލިޔުނުނަމަވެސް ފުދުނީސް ކަމަށެވެ!
ތާލިބާނަކީ އެމެރިކާގެ ޓެރަރިސްޓުންގެ ލިސްޓްގައި ހިމަނާފައިވާ ބަޔެކެވެ. ޓެރަރިސްޓުންނާ ނެގޯޝިއޭޓު ނުކުރާނަމޭ ބުނަނީވެސް އެމެރިކާއިން އިންނެވެ. ޓެރަރިސްޓް ތާލިބާނާއެކު ނެގޯޝިއޭޓް ކުރީވެސް އެމެރިކާއިން ނެވެ. ކަނޑުކޮހަކު ނޫނީ މިވަރުގެ ކަމެއް ކުރާނެ ހެއްޔެވެ؟
އެމެރިކާ ޣަދަރުވެރިވެސް މެއެވެ! އެމެރިކާއާއެކު 20 އަހަރުވަންދެން އުޅެ، އެހީތެރިވެދިން އަފްޣާން މީހުންނަށްވެސް އެމެރިކާއިން އިން ދޯކާ ދިނީއެވެ. ސިފައިން ފޭބުމާ ބެހޭ ގޮތުން އެމެރިކާގެ ރައީސް މޮޅުވާހަކަތައް ދެއްކި ކަމުގައިވިއަސް ރެފިއުޖީންނާ ބެހޭ މަސައްކަތުގައި އުޅޭ މީހުން ބުނެފައި ވަނީ، މޫނަށް ރުލެއްވެސް އަރުވައި ނުލައި އޭނާ ހެދީ ހުސް ބުހުތާނު ދޮގުތައް ކަމަށެވެ.
ޔޫއެސް ކޮމިޓީ ފޯ އިމިގްރެންޓްސް އެންޑް ރެފިއުޖީސްގެ ރައީސް އެސްކިންޑަރ ގެނާޝް ވިދާޅުވަނީ، އެމެރިކާއިން އަފްޣާނިސްތާނުން ބޭރުވެގެން ދިޔައީ، ވިއެޓްނާމްގެ ސައިގަންއިން ބޭރު ވެގެން ދިޔަ ގޮތަށް ވުރެން މާ ހުތުރު ގޮތަކަށެވެ. އަފްޣާނިސްތާން މީހުން ގައުމުން ބޭރުކޮށްދިނުމަށް އެދި އެތައް މަހެއްވަންދެން އެމެރިކާ މަސްއޫލުވެރިން ގާތު އާދޭސް ކުރިއިރުވެސް އެމެރިކާ މަސްއޫލުވެރިން ދީފައިވަނީ އޭނާ ވިދާޅުވާ ގޮތުން ބީރު ކަންފަތެކެވެ.
ބެލްޓިމޯރގެ ލުތުރެން އިމިގްރޭޝްނ އެންޑް ރެފިއުޖީ ސަރވިސްގެ ކިރްޝް އޯމާރާ ވިގްނާރާޖާ ވިދާޅުވަނީ ނުރައްކަލަށް ހުށަހެޅިފައިވާ އަފްޣާނިސްތާން މީހުން ބޭރުކުރުމުގައި އެމެރިކާއިން ގަސްތުގައި ފަރުވާ ކުޑަކޮށްލީ ކަމަށެވެ.
1975 ގައި ހުތުރު ގޮތަކަށް އެމެރިކާގެ އެމްބެސެޑަރާއި މަސްއޫލުވެރިން ސައިގަންގައި އެމެރިކާގެ އެމްބަސީގެ ފުރާޅުމަތިން ފޮށިތަންމަތި ހިފައިގެން ހެލިކޮޕްޓަރުގައި ފިލަން ނައްޓާލި މަންޒަރަށް ވުރެން އަފްޣާނިސްތާނުން ބޭރުވެގެން ދިޔަ ގޮތް މާހުތުރެވެ.
ކާބުލް އެއަރޕޯޓްގައި އެމެރިކާގެ އުދުހޭ ބޯޓުގައި އެލުމީހުންވެސް ދިޔައީ ކަށްވަޅަށެވެ. ބައެއް މީހުންގެ ގުވަނަންތައް ހުރީ އެމެރިކާގެ އުދުހޭ ބޯޓުގެ ފުރޮޅުގެ ގިޔަރުގައި އޮޅިފައެވެ. 20 އަހަރު ވަންދެން ފުރާނައަށް ނުބެލި ބަޔަކަށް އެކަކު ދެމީހެއްގެ ގުނަވަންތަކެއް ގިޔަރުގައި ތާށިވުމަކުން މާބޮޑު ފަރަގެއް ނުދައްކާނެއެވެ.
މި ކިޔައި ދެވުނީ ކުރެވުނީ އެމެރިކާގެ ކަނޑުކޮސް ވާހަކައާއި އެމެރިކާގެ ޣަދަރުވެރިކަމުގެ ވާހަކައެވެ. ދެން އޮތީ އެމެރިކާގެ ނަސްލީ ތަފާތު ކުރުމުގެ ވާހަކައެވެ.
އެމެރިކާއިން އަފްޣާނިސްތާނަށް އަރައި 20 އަހަރުވަންދެން އެގައުމު ސުންނާފަތިކުރަމުން ދިޔައިރު، އިރާގްގައިވެސް އަމަލު ކުރި ފަދައިން އަފްޣާނިސްތާން މީހުންނަށް ވޭންދެނިވި އަޒާބުދީ ހެދިކަމަށާއި އަފްޣާނިސްތާނުން އުފުރާލި މީހުން، ގުއަންޓަނާމޯ ބޭއަށް ގެންގޮސް ފެނަށް ގަންބައިގެން ތަހުގީގު ކުރިވާހަކައަކީ ޑޮކިއުމެންޓް ކުރެވިފައިވާ ވާހަކަތަކެވެ. އެހެން މީހުންގެ ފަތިފުށް ހާވައި އުޅޭ އެމެރިކާއަކީ އިންސާނީ ހައްގަށް ޙުރުމަތްތެރިކޮށް ހިތުމުގެ ރެކޯޑް ދަށް ގައުމެކެވެ. އެމެރިކާގެ ޖާސޫސީ އިދާރާތަކާއި ފުލުހުންނާއި ސިފައިންނާއި ސަރުކާރަށް އިންސާނީ ހައްގަށް ޙުރުމަތްތެރިކޮށް ހިތުން ލާޒިމު ނުވާ ފަދައެވެ.
އަފްޣާނިސްތާންގައި ތާލިބާންގެ ނުރައްކަލަށް ހުށަހެޅިފައިވާ މީހުން އެމެރިކާއިން ބޭރުކޮށް ނުދިނީ ތަފާތު ކުރުމާއި ޣަދަރުވެރި ރޭވުމަކުންނެވެ.
1975ގައި ސައިގަންއިން ޖާނާއިގެން އެމެރިކާ މަސްއޫލުވެރިން ސަލާމަތްވާން ފިލި އިރު، ވިއެޓްނާމްގެ އެއްލައްކަ ތިރީސް ފަސް ހާސް މީހުން ވިއެޓްނާމުން ބޭރުވާން އެހީވެދިނެވެ. މިއާ ޚިލާފަށް އެމެރިކާއިން އަފްޣާނިސްތާނުން ބޭރުވާން އެހީވެ ދިނީ އެންމެ ދެހާސް މީހުންނަށެވެ.
އޮއްސެމުންދާ ބޮޑު ބާރެއް ހީނަރުވެ އަނަރޫފަވާ މަންޒަރު އެމެރިކާގެ ކޮންމެ ސިޔާސަތަކާއި ކޮންމެ ހަރަކާތަކުން ފެނެއެވެ. އެމެރިކާގެ ވެރި މީހާވެސް އެމެރިކާ ބާރުވެރިކަން ރަމުޒުކޮށް ދޭކަން ކަށަވަރެވެ.