ތާލިބާނުން ކާބުލް ހިފިފަހުން މީހުންގެ މުދާ ފޭރުމާއި ކާރުތައް ފޭރުމުގެ އަމަލުތައް ގިނަވެފައިވާ ކަމަށް ޓޯލޯ ނިއުސްއިން ރިޕޯޓް ކުރެއެވެ. ކާބުލްގެ މަގުތަކުގައި މީހުން ހުއްޓުވައި އަތުގައި ހުންނަ ސާމާނާއި އެމީހުންގެ ކާރު ފޭރިގެން ދާކަމަށް އެތައް ބަޔަކު ވަނީ ރިޕޯޓް ކޮށްފައެވެ.

ތާލިބާނުން ވަނީ އަފްޣާނިސްތާންގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ފިޔަވަޅުތައް އަޅާނެ ކަމަށް ބުނެފައެވެ. އާންމު މީހުން ވަނީ ތާލިބާނުންގެ ނަމުގައި ލޫޓުވާ މީހުންނާއި ފޭރޭ މީހުން ހުއްޓުވުމަށް ތާލިބާން ހަނގުރާމަވެރިން އިތުރު މަސައްކަތްތައް ކޮށް ދިނުމަށް އެދިފައެވެ.

މީހުންގެ މެދުގައި ނުތަވަސްކަން އިންތިހާއަށް ބޮޑުކަމަށް ވެއެވެ. ތާލިބާނުން، ސަރުކާރު މުވައްޒަފުން ވަޒީފާއަށް ނިކުތުމަށް އަންގާފައިވީ ނަމަވެސް އެކަމަށް މީހުންގެ ފަރާތުން އިޖާބައެއް ނުލިބެއެވެ.

ތާލިބާންގެ ތަރުޖަމާން ޒަބީހުﷲ މުޖާހިދު ބުނެފައި ވަނީ އަފްޣާނިސްތާންގެ ސަލާމަތީ ކަންކަން ރަނގަޅުވާނީ، ސަރުކާރެއް އެކުލެވިގެންނެވެ.