އަފްޣާނިސްތާންގައި ތާލިބާނުން ކުރި ހޯދަމުން ދިއުމުގެ ސަބަބުން އަފްޣާނިސްތާން އަންހެނުންނަށް ނުރައްކާވާފަދައިން ޕާކިސްތާނު އަންހެނުންގެ ރައްކާތެރިކަންވެސް އިތުރަށް ގެއްލިގެން ދާނެއެވެ. މީގެ އިތުރުން މުޅި އިންޑިއާ ސަބްކޮންޓިނެންޓާއި އަފްޣާނިސްތާނާ ކައިރި ގައުމުތަކުގައި ހައްދުފަހަނައަޅާފައިވާ މީހުން ދައްކާ ވާހަކަތަކަށް މީހުން ހެއްލޭ މިންވަރު އިތުރު ވެގެން ދާނެއެވެ. ނަތީޖާއެއްގެ ގޮތުން ނިރުބަވެރި ހާދިސާތަކަށް މަގުފަހި ވާނެއެވެ.

ޕާކިސްތާންގައި ތާލިބާނަށް ތާއީދު ކުރާ މަންޒަރު އެތައް ދިމާއަކުން ފެނެއެވެ. މިކަން މަސްއޫލުވެރިންގެ ކަންކަން ނިންމުމަށްވެސް ތަރުޖަމާ ވެގެން ދެއެވެ.

ޕާކިސްތާންގެ ދީނީ ތައުލީމު ދިނުމުގައި މަޝްހޫރު ޖާމިޢާ ތަޢުލީމާތާއި ޖާމިޢާ ސަލަފިއްޔާ ހުންނަ ފައިސަލްއާބާދު ސިޓީގައި މި މަހުގެ ކުރީކޮޅު އަންހެނުން މުޒާހަރާއެއް ބާއްވަން އެދުމުން ސިޓީގެ ޕޮލިސް ކޮމިޝަނަރ ވަނީ އެކަމަށް ރުހުން ނުދެއްވާން ނިންމަވާފައެވެ. މުޒާހަރާ އިންތިޒާމު ކުރި އަންހެނުންނާ ވާހަކަ ދައްކަވަމުން ޕޮލިސް ކޮމިޝަނަރ ވިދާޅުވީ، މިދުވަސްވަރު އަންހެން މީހާގެ ރުހުމާ ނުލައި އެއްވެސް މީހަކަށް އަންހެނަކު ރޭޕެއް ނުކުރެވޭނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ޕާކިސްތާން މުޖުތަމައަކީ، އަންހެނުން ފިއްތައިގެން އުޅޭ މުޖުތަމައެއް ނޫން ކަމަށެވެ.

މި ބައްދަލުވުމުގައި ބައިވެރިވ މީހުން ވަނީ މީސްމީޑިއާގައި މިކަމާމެދު ނުރުހުން ފާޅުކޮށް ހަދާފައެވެ.

ޕާކިސްތާނަކީ އަންހެނުންނަށް ނުރައްކާތެރި ތަނެއްކަމަށް ޕާކިސްތާން އަންހެނުންނާއި ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމުއިއްޔާތަކާއި ބޭރުގެ އެންޖީއޯތަކުން ބުނެއެވެ. ރޮއިޓަރޒް ފައުންޑޭޝަނުން ބުނާ ގޮތުން ޕާކިސްތާނަކީ ދުނިޔޭގައި ހަވަނައަށް އަންހެނުންނަށް ނުރައްކާތެރި ގައުމެވެ.

ފައިސަލްއާބާދުގައި މި ހިނގާލުން ބާއްވަން ބޭނުންވީ ނޫރު މުގައްދަމް މަރާލުމުގެ މައްސަލާގައި ނުރުހުން ފާޅުކުރުމަށް އެއްވެ ލުމަށެވެ. ޕާކިސްތާންގައި ނޫރު މުގައްދަމްގެ މައްސަލައަކީ ހައި ޕްރޮފައިލް މައްސަލައެކެވެ. ޕާކިސްތާންގައި މިއަހަރުގެ މިނިވަން ދުވަހުވެސް ދެ އަންހެނަކަށް ފިރިހެނުން ހަމަލަ ދިން މައްސަލައެއް ދަނީ ބަލަމުންނެވެ.

ތާލިބާނުން އަންހެނުންނާ ދޭތެރޭ ގެންގުޅޭ ވިސްނުމާއި އަދި އެމީހުންނަށް ޕާކިސްތާންގައި އޮންނަ ތާއީދުން ތާލިބާނުންގެ ވައްޓަފާޅިއަށް ހައްދުފަހަނައަޅާފައިވާ ހަރުކަށި މީހުންގެ މެދުގައި މަގުބޫލުކަން އިތުރު ވެގެން ދާނެ ކަމަށް ބެލެވެއެވެ.